މި ސަރުކާރުން ސިއްހީ ދާއިރާ ތަރައްގީ ކުރުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާނެ ކަމަށް ވިދާޅުވުމަށްފަހު، އެ ވާހަކަތާ މުޅިން ހިލާފަށް އާބާދީ ބޮޑުވުމުން ތަރައްގީ ގެނައުމުގުގައި ފުވައްމުލަކަށް އިސްކަންދޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން, ހއ. މޮޅަދޫގެ މަޝްރޫއުތައް ލަސްވަނީ އެ ރަށުގެ އާބާދީ ކުޑަވުމުން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލައް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަ ވިދާޅުވީ، އާބާދީ ކުޑަވެގެން އެއްވެސް ރަށެއްގެ މަޝްރޫއު ނުހުއްޓާނެ ކަމަށެވެ.
"ހިދުމަތް ދިނުމުގައި އާބާދީއެއް ކުޑައެއް ބޮޑަކަށް އަޅުގަނޑުމެން ނުބަލަން، އަޅުގަނޑުމެން ބަލަނީ ކޮންމެ ރަށެއްގަވެސް ދިރިއުޅޭ ކޮންމެ ރައްޔިތަކީވެސް ދިވެހި ރައްޔިތުން ކަމަށް ބަލައިގެން," ހަލީލު ވިދާޅުވި އެވެ.
ނަމަވެސް އޭގެ ދެތިން މިނަޓު ފަހުން، ފުވައްމުލަކު ހޮސްޕިޓަލުގެ މަޝްރޫއު ލަސްވާ ސަބަބަކީ ކޮބައިކަން ފުވައްމުލަކު މެދު ދާއިރޭގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ސުވާލު ކުރެއްވުމުން މިނިސްޓަރު ހަލީލު ވިދާޅުވީ، އެ ސިޓީގެ އާބާދީ ބޮޑުވުމުން ސަރުކާރުން މަޝްރޫއުތަކަށް އިސްކަންދޭނެ ކަމަށެވެ.

"ފުވައްމުލަކަކީ ތި ވިދާޅުވިހެން އާބާދީ ބޮޑު ރަށަކަށްވާތީ އާއެކު ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ސިއްހީ ހިދުމަތްތައް ތަރައްގީކުރަން ބޭނުންވާ ރަށެއް އަދި ސަރަހައްދީ ތަރައްގީއަށް ބަލާއިރުވެސް ވަރަށް މުހިންމު ރަށެއް," އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު މިފަދައިން ވިދާޅުވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުން ވިއްކީ އެއްފަސް ކުރުމުގެ ސިޔާސަތު ކަމަށާއި ރައްޔިތުން ވޯޓު ދިނީ އެ ސިޔާސަތުތަކަށް ކަމަށްވެސް ވިދާޅުވެފަ އެވެ.
އަދި ރާއްޖެ ތަރައްގީކުރެވޭނީ އެއްފަސްކޮށްގެން ކަމަށާއި ކުދި އާބާދީތައް ބޮޑެތި އާބާދީތަކަށް ހިޖުރަކުރަން ޖެހޭ ފަދަ މޭރުމަކުން ރައީސް ވަނީ މިފަހުން ވާހަކަ ދައްކަވާފަ އެވެ.













