ރާއްޖޭގެ އަސްކަރިއްޔާގެ ވައިގެ ބާރު، އެމްއެންޑީއެފް އެއާ ކޯ ތައާރަފުކޮށް، ދިވެހި ލަޝްކަރު އަލުން ރުކުރުވާލުމަކީ ރާއްޖޭގެ ހަތުރުންނާއި މިތުރުން ސިއްސުވާލި ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ވައިގެ ބާރު، އިފްތިތާހު ކުރުމަށް ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ ހަނގުރާމަތައް ކުރެވޭ ގޮތާއި ދިފާއީ އަސްކަރުގެ ދައުރު މުޅި ދުނިޔޭގައި ވެސް ބަދަލުވެއްޖެ ކަމަށެވެ. އެގޮތުން މިހާރުގެ ހަނގުރާމަތައް ބޮޑަށް ބަރޯސާ ވަނީ ޓެކްނޮލޮޖީއަށް ކަމަށާއި ހަނގުރާމައިގެ އުކުޅުތަކުގެ ގޮތުގައި މިހާރު ބޭނުން ކުރަނީ ލަޝްކަރީންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުން މަދު ކުރެވޭނެ ގޮތްތައް ކަމަށް ގައްސާން ވިދާޅުވި އެވެ.
"މިއީ ދުނިޔޭގައި މިހާރު ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުން ކުރާ ސޮފިސްޓިކޭޓެޑް ޓެކްނޮލޮޖީ ޕްލެޓްފޯމެއް. ހަމަ އޭގެ އިތުރުން ސާވައިލެންސް އާއި ސާޗް އެންޑް ރެސްކިއުއަށް ފޯކަސް ކުރާ އިރެއްގައިވިޔަސް، ދިމާވާ ހާލަތަކުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ޑިފެންސިވް މެނޫވާސް ނެގޭނެ އަލިފާނުގެ ބާރު ހުރި ހަތިޔާރެއް،" ގައްސާން ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ދައުރު މިހާރު އޮތީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އޭގެ އާރާއި ބާރު ދޭހަވާ ގޮތަށް ހިމާޔަތް ކުރުމުގެ އިތުރުން ކާރިސާތަކުގައާއި ކުއްލި ހާލަތްތަކުގައި ދިމާވާ ކަންތައްތަކުގައި ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކޮށް ރައްޔިތުންނަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް ކަމަށް ގައްސާން ވިދާޅުވި އެވެ.
މިއަދު އިފްތިތާހު ކުރި އެމްއެންޑިއެފްގެ ވައިގެ ބާރުން ދިވެހިންނަށް ފޯރު ކޮށްދޭންޖެހޭ ހިދުމަތްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ ކަން ފާހަގަ ކުރައްވައި ގައްސާން ވިދާޅުވީ ހަނގުރާމައިގެ އޮއިވަރު ދުނިޔޭގައި ބަދަލުވަމުން އައިސް މިހާރު އެއް ގައުމުން އަނެއް ގައުމު ފަތަހަ ކުރުން ވަނީ މަދުވެފައި ކަމަށެވެ. އޭގެ ބަދަލުގައި މިއަދު ބާރުގަދަ ގައުމުތަކުން މަސައްކަތް ކުރަނީ އެހެން ގައުމުތަކުގެ ސިޔާދަތާއި އިސްތިގުލާލަށް ނުފޫޒު ފޯރުވުމަށް ކަމަށް ގައްސާން ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އުޅުމުގެ ހައްގު އެބައޮތް ކަމުގައި ވިދާޅުވެ، ހަށި ފޮޅާލައި އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ދިވެހީންގެ ވެސް ހައްގެއް ކަމަށް ވަރަށް ފާޅުގައި ވިދާޅުވެ، ކެރިގެން ކުރައްވާ ބުރަ މަސައްކަތުން، ހަލުވި ކަމާއެކު ދިވެހި ލަޝްކަރު އަލުން އަތުރާލައްވައި ތި ހޯއްދެވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް،" ރައީސް މުއިއްޒުގެ ކެރުމާއި ހިތްވަރަށް ތައުރީފު ކުރައްވައި ގައްސާން ވިދާޅުވި އެވެ.
"[އެއީ] ރައްޔިތުންގެ ހިތްތަކުގައި ރައީސްއާ މެދު އުފެދުނު އިތުރު ޔަގީންކަމެއް، ތުއްތު ކުދިންގެ ހިތްތަކުގައި ހުއްބުލްވަތަންގެ ދަންމަރު އަލުން ދިއްލާލި ކަމެއް، ކެރޭ ދިވެހި ސިފައިންގެ އަޒުމް އިތުރަށް ވަރުގަދަ ކުރުވި ކަމެއް،"













