މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސް މަގާމު، ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ގެ މަގާމަށް އެ މަގާމުން 2019 ވަނަ އަހަރު ވަކިވި ޔަޒީދު މުހައްމަދު އަލުން އެ މަގާމަށް އައްޔަންކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާގެ ނަން ފޮނުއްވައިފި އެވެ.
ކަމިޝަނާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހުނީ ޔަޒީދަށް ފަހު އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވި ސިޓީގައިވާ ގޮތުން، ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރަން ފޮނުއްވި ނަންތައް ތަރުތީބުކުރެއްވީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ.
ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުުރަން އެމަނިކުފާނު ފޮނުއްވި ދެވަނަ ނަމަކީ ކުރިން ޑެޕިއުޓީ ކަމިޝަނަރަކަށް ހުންނެވި ހަސަން ޒަރީރުގެ ނަމެވެ.
ޔަޒީދާއި ޒަރީރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މީރާއަށް އައްޔަންކުރި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންގެ މީރާއިން ވަކިވީ، ކަމިޝަނާ އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކަމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅުން އަލުން އައްޔަން ކުރަން ޖެހޭ ގޮތަށް 2019 ގައި ގާނޫނު ބަދަލުކުރުމުންނެވެ.














