މީ ކޯއްޗެއް؟ ޖަވާބު ވަރަށް ކުރެ އެވެ. އެއްޗެއް ދަސްވުމުގެ އިތުރުން، އިނާމު ލިބުމުގެ ފުރުސަތެއް "އަދަދު" ނޫހުން ހުޅުވައިލަ ދިނީ އެވެ.
މިއަދުން ފެށިގެން މި ރޯދަ މަހު ކޮންމެ ތިން ދުވަހަކު އެއް ދުވަހު، އަދަދު ނޫހުގެ ފޭސްބުކް ޕޭޖުގައި ތަނަކަށް، އެއްޗަކަށް ކިޔާ ދިވެހި ނަމަކީ ކޮބައިތޯ ސުވާލުކޮށް، ޕޯސްޓެއް ކުރާނެ އެވެ. އެ ޕޯސްޓަށް ކޮމެންޓެއްގެ ގޮތުގައި ރަނގަޅު ޖަވާބު ދިނުމަށް ފަހު މައި ޕޯސްޓު ޝެއާކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް ހަސަން މެރިންއިން ދޭ 1،000ރ. ވައުޗަރެއް ލިބޭނެ އެވެ.
މި ސިލްސިލާގެ 10 ޕޯސްޓަށް ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި އިނާމެއް ހަސަން މެރިންއިން ވަނީ ހުށަހަޅައިފަ އެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ދިވެހި ގައުމިއްޔަތާއި ދިވެހި ބަސް ކުރިއެރުވުން. މިފަދަ ކަންކަމުގެ ތެރެއިން ކިޔުންތެރިންނަށް އާ ބަސްތަކެއް ދަސްވެ، ދިވެހި ބަހަށް ލޯބި ޖެއްސުން،" އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ވިދާޅުވި އެވެ.

މި ރޯދަ މަހު ވެސް އަދަދު ނޫހުން ހާއްސަ ކޮންޓެންޓުތަކެއް ގެނެސްދޭނެ އެވެ. އޭގެ ތެރޭގައި ވީޑިއޯ ޝޯތަކާއި، ބާޒާރުގެ އަގުތަކާއި ޕްރޮފައިލް އަދި ބައެއް ރަށްރަށުގެ ހާއްސަ ވާހަކަތައް ހިމެނެ އެވެ.











