މި އަހަރު އެންމެ ހޫނު ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ދުވަސްވަރަކީ މި ހިނގާ ރޯދަ މަސް ދިމާވާ މާޗު އަދި އޭޕްރީލް ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.
މެޓް އޮފީހުގެ ރަސްމީ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ މި ދުވަސްވަރު ވިލާ މަދުވުމާއި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވާނެ ކަމަށެވެ.
އިހުސާސް ކުރެވޭ ހޫނުމިން މާލޭ ސަރަހައްދުގައި 42 ޑިގްރީ ސެކްސިއަސް އަށް ވުރެ މައްޗެވެ.
މި އަހަރަކީ ވެސް ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް، އާންމު ވަރަށް ވުރެ މަތި ކަމަށް ބެލިފައިވާ "އެލްނިނޯ" އަހަރަކަށް ވާތީވެ، ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އެބަ އޮތް ކަން ފާހަގަ ކުރި އެވެ. އެއީ ދުނިޔޭގެ މުމާ ބެހޭ އިދާރާއިން ވެސް އަންދާޒާކޮށްފައިވާ ކަމެކެވެ.
މެޓް އޮފީހުގެ އާންމު ވައިބާ ގްރޫޕާއި ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް އަދި ހަވީރު 5:00 ޖަހާއިރު ހުންނަ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާންމު ކުރާނެ ކަމަށް ބުންޏެވެ.

މެންދުރުފަހު 2:00 ހާއިރުން ފެށިގެން ހޫނުމިން ވަރަށް މަތިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިހުސާސް ކުރެވޭ ހޫނުމިން
- ހަނިމާދޫ 40.3 ޑިގްރީ ސެލްސިއަސް
- ހުޅުލެ 42.2 ޑިގްރީ ސެލްސިއަސް
- ކައްދޫ 39.5 ޑިގްރީ ސެލްސިއަސް
- ކާޑެއްދޫ 31.2 ޑިގްރީ ސެލްސިއަސް
- އައްޑޫ ގަން 37.1 ޑިގްރީ ސެލްސިއަސް












