ރަައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ރަސްމީ ދަތުރެއްގައި މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އެއް ދުވަހުގެ ދަތުރެއްގައި އެމަނިކުފާނު މިއަދު ވަޑައިގަންނަވާނީ ޅ. އަތޮޅަށް ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވި އެވެ.
ރައީސް މިދިޔަ މަހުން ފެށިގެން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކެކޭ އެއްގޮތަށް މި ދަތުރުގައި ވެސް ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
ފެބްރުއަރީއިން ފެށިގެން ރައީސް ވަނީ އައްޑޫ، ފުވައްމުލައް، ގދ. އަތޮޅު, ގއ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު، ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު އަދި ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު، ވ. އަތޮޅު، އަދި، ކ. އަތޮޅަށް ވަޑައިގެންފަ އެވެ.
ރައީސްގެ ދަތުރުތައް ފެއްޓެވީ މަޖިލީހުގެ އިންތިހާބު ކައިރިވެފައި އޮއްވަ އެވެ. ސަރުކާރަށް ތާއީދު ކުރާ މެންބަރުންނަށް ވޯޓު ދިނުމަށް ރައީސްގެ ވާހަކަތަކުގައި ގޮވާލައްވައިފަވެ އެވެ.

އޭގެ އިތުރުން އެމަނިކުފާނު ގެންދަވަނީ މިހާރު އިދިކޮޅު މެޖޯރިޓީ އޮތް މަޖިލީހަށް ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީގެ މެންބަރުން ކޮންޓްރޯލް ކުރަނީ ބޭރުގެ ބަޔަކު ކަމަށާއި އެ ޕާޓީގެ ބައެއް މެންބަރުން މަސައްކަތް ކުރަނީ ޕަޕެޓުންތަކެއް ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.













