ދެ މަސް ދުވަހުގެ ތެރޭގައި އާސަންދައިގެ ދަށުން 1200 މީހުން ހިލޭ މެޑިކަލް ޗެކަޕް ހައްދައިފި އެވެ.
އާސަންދައިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހިލޭ މެޑިކަލް ޗެކަޕްގެ ހިދުމަތް ދޭން ފެށިތާ ދެ މަސް ވީއިރު, އެ ދެ މަސް ދުވަހު 1232 މީހުން ވަނީ އެ ހިދުމަތް ހޯދާފަ އެވެ. އެއީ ޖެނުއަރީ މަހު 705 މީހުން އަދި ފެބްރުއަރީ މަހު 527 މީހުންނެވެ.
މެޑިކަލް ޗެކަޕްގައި ހިމެނެނީ ލޭ، ކުޑަކަމުދާ ތަކެތި، ބޮޑުކަމުދާ ތަކެތީގެ ޓެސްޓުތައް އަދި އީސީޖީ އެވެ.
ޖެނުއަރީ މަހު އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕްގެ ހިދުމަތް ތައާރަފުކުރީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އެ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ހުރިހާ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން ވެސް ހިލޭ މެޑިކަލް ޗެކަޕް ހެއްދެ އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ކުރިން ވިދާޅުވި ގޮތުގައި ފުރަތަމަ 50 އަހަރުން މަތީގެ އުމުރުފުރާއަށް އެ ހިދުމަތް ތައާރަފު ކުރީ، ބޮޑެތި ބަލިތައް ތަހައްމަލުކުރާ ގިނަ މީހުންނަކީ އެ އުމުރުފުރައިގެ މީހުންނަށް ވުން ކަމަށެވެ. އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަދި 19 އަހަރުން ދަށުން ކުދިންނަށް މި ހިދުމަތް ހުޅުވާލަން ހަމަޖެހިފައި ވަނީ އޭޕްރީލް 1 އިން ފެށިގެންނެވެ.

އާސަންދައިން ހާމަކުރި ގޮތުގައި ހުރިހާ އުމުރުފުރައަކަށް މި ހިދުމަތް ހުޅުވާލާނީ ޖުލައި, 1 ގަ އެވެ.













