މަޖިލިސް މެމްބަރެއްގެ ގޮތުގައި މިއަދު ވެސް ހުންނެވި ނަމަ މަޖިލިސް މެމްބަރެއްގެ "ދަތްދޮޅި ދުއްވައި ނުލައި" ހުރެވިދާނެތޯ ސުވާލު އުފައްދަވައި ލޯކަލް ގަވަމަންޓު މިނިސްޓަރު، އާދަމް ޝަރީފް އަނެއްކާ ވެސް މަޖިލިސް މެންބަރުންނަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މ. ދިއްގަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށެވެ.
"އެކަމަކު އަޅުގަނޑު ހަމަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު އެތަނުގައި މިއަދުވެސް ހުންނަ ނަމަ އެއިން މީހެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެބާއޭ،" މަޖިލީހުގައި ތިއްބެވީ ވަރަށް އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން ވިދާޅުވާން "ކުޑަކޮށް ދެރަވެސް ވާ" ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވާން ޖެހުނު ސަބަބުތަކުގެ ގޮތުގައި އޭނާ އިޝާރާތް ކުރެއްވީ ރައީސް އައްޔަން ކުރެއްވި ބައެއް ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިން މައްސަލަ އާއި ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ފައިސާ ބަޖެޓުން އުނި ކުރި ވާހަކަ އެވެ.
އާދަމް ޝަރީފް މި މޭރުމުން ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި، ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ޝަރީފް ހުންނެވިއިރު، ސިފައިންގެ އެތެރޭގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް މަޖިލިސް މެމްބަރެއްގެ ދަތްދޮޅި ދުއްވާލެވިދާނެ ކަމަށް ވިދާޅުވެ ވާހަކަދެއްކެވި އެވެ. އެ ވާހަކައާ ގުޅިގެން އޭރު ޝަރީފް ވަރަށް ބޮޑަށް ހޫނުފެނަށް ވެއްޓުނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން، ވަޒީރުންގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ނުދިނީ ބަންޑާރަ ނައިބު، އަހުމަދު އުޝާމްއާއި އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދުއާއި ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އަށެވެ.
ނަމަވެސް ސަރުކާރުން ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.
ވަޒީރުންނަށް ނުދިނުމަކީ ސަރުކާރަށް ކުރާ "ދުއްތުރާ" އެއްގެ ގޮތުގައި އާދަމް ޝަރީފް ސިފަ ކުރެއްވިއިރު، ވަޒީރުންނަށް ރުހުން ދިނުމާއި ނުދިނުމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައި އޮންނަ ބާރެކެވެ.
ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ "ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެކިއެކި ވުޒާރާތައް ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރުންނާއި ބަންޑާރަނައިބުގެ މައްޗަށް" ކަމަށެވެ.
އެއާ ޖެހިގެން އޮންނަ 129 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަންކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާން ވާނެ" ކަމަށެވެ.
ގާނޫނުއަސާސީގެ ދެން އޮތް މާއްދާގައި ބުނަނީ "ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެ" ކަމަށެވެ.












