ރަައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ރަސްމީ ދަތުރެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނު މިފަހަރު ވަޑައިގެންނެވީ ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްތަކަށެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އާ ވާހަކަދައްކަމުން ވިދާޅުވީ މިއީ ރައީސް ރައްޔިތުންގެ އަރިހަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ދަތުރެއް ކަމަށެވެ.
ތިން ދުވަހުގެ މި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރައީސް ވަޑައިގަންނަވާނީ ރ. އަލިފުއްޓަށެވެ.
ރައީސް މިދިޔަ މަހުން ފެށިގެން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކެކޭ އެއްގޮތަށް މި ދަތުރުގައިވެސް ސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

ފެބްރުއަރީއިން ފެށިގެން ރައީސް ވަނީ އައްޑޫ، ފުވައްމުލައް، ގދ. އަތޮޅު ގއ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު، ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު އަދި ނ. އަތޮޅަށް ވަޑައިގެންފަ އެވެ.
ރައީސްގެ މި ދަތުރުތައް ފަށްޓަވާފައި މިވަނީ މަޖިލީހުގެ އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށެވެ. އެގޮތުން ގިނަ ރަށްރަށުގައި އެމަނިކުފާނު ދައްކަވާ ވާހަކަވެސް ބިނާ ކުރައްވަނީ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަން ލިބުމުގެ މުހިންމު ކަމުގެ ވާހަކައަށެވެ.
އަދި މިހާރު އިދިކޮޅަށް މެޖޯރިޓީ އޮތް މަޖިލީހަށް ރައީސް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވަމުންނެވެ.














