ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދާއިރު ސަމާލުކަން ދޭންވީ ކަންކަން އޭސީސީން އަންގައިފި އެވެ.
އޭސީސީން ބުނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރިއަށްގެންދާއިރު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުން ތިން ކަމަކަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމަށެވެ.
އޭސީސީން ކެންޑިޑޭޓުންނަށް ތާއީދު ހޯދާއިރު ސަމާލުވުމަށް އެދުނު ކަންކަން:
- އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތްތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކަށް ވިޔަސް ނުދިނުމާއި ނުވަތަ ދޭން ހުށަހެޅުމާއި، ދޭން ވައުދުނުވުން.
- ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް، ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ނުދިނުން ނުވަތަ އެއްވެސް ބާވަތެއްގެ ހިދުމަތެއް ފޯރުކޮށް ނުދިނުން ނުވަތަ އެއިންކަމެއް ކޮށްދޭނެ ކަމަށް ނުބުނުން.
- ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރުން.
މަޖިލިސް އިންތިހާބާ ގުޅޭ ކަރަޕްޝަންގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ، އެ މައްސަލައެއް އޭސީސީއަށް ހުށަހެޅުމަށްވެސް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.
އެގޮތުން އެފަދަ މައްސަލަތައް ކޮމިޝަންގެ ވެބްސައިޓުގައިވާ އިންތިހާބަށް ހާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށްވެސް އޭސީސީން ބުނެ އެވެ.













