ރައީސް ޑރ.މުހައްމަދު މުއިއްޒު ހއ، ހދ، ށ އަދި ނ އަތޮޅަށް ކުރެއްވި ހަ ދުވަހުގެ ދަތުރަށް ފަހު މާލެ ވަޑައިގެންފި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވަނީ ބައްދަލުކުރައްވާފަ އެވެ.
ނ .އަތޮޅުގެ އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާވެސް ރައީސް ވަނީ ބައްދަލުކުރައްވާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ރައީސް މުއިއްޒު ވަނީ މިދިޔަ ހަފްތާގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި، ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފަ އެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު ފަށްޓަވާފައިވާ މި ދަތުރުފުޅުތަކަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކައިރިވެފައި އޮއްވާ ކުރައްވަމުން ގެންދަވާ ދަތުރުފުތަކެކެވެ.

އެގޮތުން ރައީސް ވަނީ ދަތުރުފުޅުގައި ވަޑައިގެންނެވި ރަށްތަކުން މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިފަ އެވެ. ނަމަވެސް ރައީސް އޮފީހުން ބުނީ މިއީ މަޖިލިސް އިންތިހާބާ ގުޅޭ ދަތުރުތަކެއް ނޫން ކަމަށެވެ.













