ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ އިންތިހާބު ރޯދައިގެ ކުރިން ބޭއްވޭނެ ގޮތެއް އޮތްތޯ ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެގެން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނ. ކެނދިކުޅުދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނަށް ގުޅައި ނުރަސްމީކޮށް މަޝްވަރާ ކުރެއްވި ކަމަށެވެ.
"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް އެބޭފުޅުން ނުރަސްމީކޮށް އެއްސެވީމާ ދެންނެވިން, މީގެ ދުވަސްކޮޅެއް ކުރިން ހިނގި ކަމެއް މިއީ، އަޅުގަނޑު އެދެމޭ ތިޔަ ބޭފުޅުންނަށް ވާން އޮތިއްޔާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވަންޏާ ރޯދައިގެ ކުރިން އިންތިހާބު ބާއްވަދޭށޭ. އެއް ދުވަސް ކުރިން ވިޔަސް ވަރިހަމަޔޭ ބާއްވާށޭ. ދެން އެ ބޭފުޅުން [ކޮމިޝަނުން] އެދުނީ މަޖިލީހުގައި," ރައީސް ވިދާޅުވި އެވެ.
މަޖިލިސް ބާއްވާނެ ތާރީހަކާ ގުޅޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ހާޒިރުު ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު، 21 ގަ އެވެ. އެދުވަހު އިލެކްޝަނުން ވަނީ ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަލައިގެން އިންތިހާބު އެންމެ އަވަހަށް ވެސް ބޭއްވޭނެ ދުވަހަކީ މިހާރު ވެސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ މާޗު 17، ކަމަށެވެ. ނަމަވެސް އެ ދުވަހަކީ ރޯދަ މަހުގެ ހަތްވަނަ ދުވަސް ކަމަށްވާތީއާ އެ ދުވަސްވަރަކީ ސްކޫލްތަކުގެ މޮކް އެގްޒާމް ކުރިއަށްދާ ދުވަސްވަރު ކަމަށްވާތީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
އެ ކަންބޮޑުވުންތަކާ އެކު އިލެކްޝަނުން ހުށަހެޅީ އިންތިހާބު ބާއްވަން ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނައުމަށެވެ. އެގޮތުން ދެ ހުށަހެޅުމެއް އެ ދުވަހު މަޖިލީހަށް އީސީން ހުށަހެޅި އެވެ.

އިސީން ހުށަހެޅި ފުރަތަމަ ގޮތަކީ ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ދޭން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗް 9، ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ އެވެ.
އީސީން ހުށަހެޅި ދެވަނަ ގޮތަކީ އިންތިހާބު އިއުލާނުކުރަންޖެހޭ ކަމަށް ގާނޫނޫގައި ބުނާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ. އޭރުން އިންތިހާބު އަވަހަށް ބޭއްވުމުގެ ފުރުސަތު އީސީއަށް ލިބޭނެ އެވެ.
އެ ހުށަހެޅުން އިލެކްޝަނުން ހުށަހެޅީ ރައީސް އެދިވަޑައިގަތުމުން ކަމަށް ވިދާޅުވިއިރު، އިދިކޮޅު އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ރައީސް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެ ޕާޓީން ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރަމުން ކަމަށެވެ.
ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުގައި އެދުނު ކަމަށް ވިދާޅުވުމަށްފަހު، ރައީސް ވަނީ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންނަކީ "ޕަޕެޓުން" ތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
"އެ ބޭފުޅުންނަށް ބާރު ހިންގާ އެ ބޭފުޅުން އޮޕަރޭޓު ކުރާ އެހެން ފަރާތެއް އެބަ އޮތް، ޖޮއިސްޓިކު އޮތީ އެހެން ފަރާތެއްގައި، އެ ޖޮއިސްޓިކު އަނބުރާ ގޮތަކަށް ޕަޕެޓުތަކެއް ގޮތަށް އެނބުރެމުން މިދަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން، މިއީ ހަގީގަތް، މިއަށް ލޯ މަރާލެވޭނެ ގޮތެއް ނޯންނާނެ،" ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެމްޑީޕީން އެއްބާރުލުން ނުދިންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.













