ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން މިއަދު ދެ ވަނަ ފަހަރަށް ފާސް ކުރި ބިލުގެ މައްސަލަ ކޯޓަށް ވެއްދޭނީ ވެސް އެ ބިލު ތަސްދީގު ކުރުމަށްފަހު ކަމަށް ގާނޫނުއަސާސީގެ ޑްރާފްޓިން ކޮމިޓީގައި މަސައްކަތް ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލީ މިދިޔަ އާދީއްތަ ދުވަހެވެ. އިތުރު ބަދަލެއް ނުގެނެސް އެ ބިލު މިއަދު ފާސް ކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްނުކުރަން ވޯޓުދިނީ 14 މެންބަރުންނެވެ.
އެ ބިލު ދެ ވަނަ ފަހަރަށް ފާސް ކުރުމުން އިބްރާ ވިދާޅުވީ ދެން އެ ބިލު ތަސްދީގު ނުކުރަން "އެއްވެސް މަހައްލެއް ނޯންނާނެ" ކަމަށެވެ.
"މިބިލު ދެން ތަސްދީގު ނުކުރުމުގެ އެއްވެސް މަހައްލެއް ނޯންނާނެ. ކޯޓުން ވެސް މިބިލާމެދު އިތުރު ގޮތެއް ނިންމޭނީ ތަސްދީގު ކުރުމަށްފަހު،" އިބްރާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ދެ ވަނަ ފަހަރަށް މަޖިލީހުން ފާސް ކުރާ ބިލެއް ތަސްދީގު ކުރަން މުއްދަތެއް ދީފައި ނެތުމުން އޭގެ މާނައަކީ ވީހާ ވެސް އަވަހަކަށް އެ ބިލު ތަސްދީގު ކުރުން ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.

"ތަސްދީގު ކުރަން ވާނެކަމަށް ގާނޫނުއަސާސީގައި އޮވެ، ވަކި މުއްދަތެއް ނެތުމުން، އޭގެ މާނައަކީ ރައީސް އޮފީސް މިއަދު ބަންދުކުރެވޭނީ ގެޒެޓްކޮށްފައޭ،" އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.
ބިލެއް ތަސްދީގު ކުރަން ނުވަތަ އަނބުރާ ފޮނުވާލުމަށް ރައީސްއަށް ލިބިވަޑައިގަންނަވާ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ބިލު އަނބުރާ ފޮނުވާލެއްވުމަށްފަހު ރައީސް އޮފީހުން ބުނީ "މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް" އެ ބިލުގައި ހިމެނޭ ކަމަށެވެ.
"މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތަޢާރުޒުވާ ކަންކަމާއި، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިހާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިސްލާހު ކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.












