ރަސްމީ ގެކޮޅު މުލީއާގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން މ. ދިމްޔާތުގައި ހޭދަ ކުރެއްވި 80 ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ހަރަދުތައް ކުރެއްވީ އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދިމްޔާތުގައި ހުންނެވި ދުވަސްތަކުގައި "ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް" ހަރަދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނަށް އެމްއެންޑީއެފް އިން ފޯރުކޮށްދިން ސެކިއުރިޓީ ގާޑުން ވެސް ތިބީ ގެކޮޅުގެ ހަރަދުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގޭގައި ހުރީ އަޅުގަނޑު އަމިއްލައަށް ހަރަދުކޮށްގެން. ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް، ހަމަ އެއްވެސް ހަރަދެއް ނުހުންނާނެ ގެއަށް ކޮށްފައެއް. އަދި އެއްވެސް ކަމަކަށް ހަރަދެއް ނުވެސް ކުރުވަން. ގޭގައި ސެކިއުރިޓީން ވެސް ހަމަ ތިބޭ. ހުރިހާ އެންމެން ވެސް ހަމަ އަޅުގަނޑުމެންގެ ގޭގެ ހަރަދުގައި ބޭތިއްބީ،" ރައީސް ވިދާޅުވި އެވެ.
ގެކޮޅުގައި ދިރިއުޅުއްވި ދުވަސްތަކުގައި ފަރިއްކޮޅުގެ ހަރަދުތައް ވެސް ބެލެހެއްޓެވީ އަމިއްލައަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"... އަދި ކެއުމަށް ވެސް، އެއްވެސް ކަމަކަށް ގެއަށް ނުހުންނާނެ [ދައުލަތުން] ހަރަދު ކޮށްފައި. ދައުލަތުން ހަރަދުކުރާ ގޮތަށް އޮންނަނީ، އެކަމަކު އަޅުގަނޑު ވަރަށް ބޮޑަށް ހަމަ ބޭނުންވީ އެއްވެސް ކަމެއްގައި އަޅުގަނޑު އަތުން ނޫނީ ގެއަށް އެއްވެސް ހަރަދެއް ނުކުރަން. އެއީ ދުވަހަކު ވެސް ތިޔަ ކަހަލަ ވާހަކައެއް މީހަކު ބުނަންވެސް ޗާންސް ދޭން ބޭނުން ނުވާތީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވަނީ ދައުލަތުން ފޯރުކޮށްދީފައިވާ ރަސްމީ ގެ ފިޔަވައި އެހެން ތަނެއްގައި ކަމުގައިވާ ނަމަ، އެތަނެއްގެ ހަރަދުތައް ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ އެވެ.
އެހެން ބަޔާންކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނުގެ 11 ވަނަ މާއްްދާގެ ނ. ގަ އެވެ.
ދައުލަތުން ފޯރުކޮށްދީފައިވާ ރަސްމީ ގެ ފިޔަވައި އެހެން ތަނެއްގައި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާނަމަ އެތަނަކަށް ބޭނުންވާ މުވައްޒަފުންނާއި ހިނގާ ހަރަދުތައް ހަމަޖައްސަން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެއަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.














