ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާވެސް ފާސްކޮށްފި އެވެ.
މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލީ މިދިޔަ އާދީއްތަ ދުވަހެވެ. އިތުރު ބަދަލެއް ނުގެނެސް އެ ބިލު މިއަދު ފާސް ކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްނުކުރަން ވޯޓުދިނީ 14 މެންބަރުންނެވެ.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.
އެހެންކަމުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ރައީސް މުއިއްޒު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ.
ބިލެއް ތަސްދީގު ކުރަން ނުވަތަ އަނބުރާ ފޮނުވާލުމަށް ރައީސްއަށް ލިބިވަޑައިގަންނަވާ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ބިލު އަނބުރާ ފޮނުވާލެއްވުމަށްފަހު ރައީސް އޮފީހުން ބުނީ "މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް" އެ ބިލުގައި ހިމެނޭ ކަމަށެވެ.

"މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތަޢާރުޒުވާ ކަންކަމާއި، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިހާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިސްލާހު ކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ ފެބްރުއަރީ 11، ގަ އެވެ. އެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުގެ އިދާރާއިން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ.
މިއަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރި ނަމަ މަޖިލިސް އިންތިހާބު ދެން ބާއްވަން ޖެހޭނީ އޭޕްރިލް 20، ވަނަ ދުވަހަށް ފަހުގެ ތާރީހެއްގަ އެވެ.
ރޯދަމަހުގެ ފަހަށް އިންތިހާބު ލަސްކުރަން ޖެހޭގޮތަށް ގާނޫނަށް ބަދަލު ގެނެސްފި ނަމަ އެކަމަށް ތައްޔާރަށް ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބިލުގެ ކޮމެޓީ މަރުހަލާގައި ބުނެފައިވެ އެވެ. އަދި އިންތިހާބު ލަސްކޮށްފި ނަމަ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ވެސް އެ ކޮމިޝަނުން ލަފާކޮށްފައިވެ އެވެ.












