ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެ އެވެ.
އޭސީސީ މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނު ކުރަމުންދާއިރު, ކޮރަޕްޝަނަށް މަގުފަހި ނުވާނެހެން ކެމްޕޭން ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން, ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރަން އެދިފައިވެ އެވެ.
ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރަން އެދުނުއިރު, ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ އަތޮޅުތެރޭގެ ރަށްތަކަށް "ރަސްމީ" ދަތުރުފުޅުތައް ކުރައްވަމުންނެވެ. ނަމަވެސް, ރަށްރަަށުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ގެންދަވަނީ ސަރުކާރަށް މަޖިލިސް ލިބުމުގެ މުހިންމު ކަން ފާހަގަކުރައްވާ, ސަރުކާރު ކެންޑިޑޭޓަށް ތާއިދު ކުރުމަށް އެދިވަޑައިގަންނަވަމުންނެވެ.
މީގެ އިތުރުން ސަރުކާރުގެ މަސް ކުންފުނި, މިފްކޯއިން ވަނީ ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ކެންޑިޑޭޓުންތަކަކަށް މަރުހަބާ ކިޔައި މަސްދަޅު ހަދިޔާކޮށްފަ އެވެ. މިފްކޯގެ ރަސްމީ އެކްސް އެކައުންޓުން މީގެ ފަސް ޕޯސްޓެއް ކުރި އެވެ. ޕޯސްޓު ކުރުމަށް ފަހު، ގާތްގަނޑަކަށް ބައި ގަޑިއިރެއްހާ އިރު ފަހުން ޕޯސްޓުތައް ވަނީ ޑިލީޓުކޮށްފަ އެވެ.

މިފްކޯއިން ކުރުމަށްފަހު ޑިލީޓު ކުރި ޓްވީޓު

އޭސީސީން ވަނީ ކެމްޕޭނު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ބައެއް އެހެނިހެން ކަންކަން ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
- ވަކި މީހަކަށް ނުވަތަ ގޮތަކަށް ވޯޓު ދިނުމުން އެކަމުގެ ޝުކުރުގެ ގޮތުން އެއްޗެއްް ނުދިނުމާއި ދޭން ހުށަނޭޅުން އަދި ވައުދު ނުވުން.
- ވަކި މީހަކު ނުވަތަ ބައެއްގެ ފައިދާއަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް, އެއްވެސް ފައިސާއެއް, މަންފާއެއް, އެއްޗެއް އަދި ހިދުމަތެއް ނަމަވެސް ފޯރުކޮށްނުދިނުން އަދި އެއިންކަމެއް ކޮށްދޭނެ ކަމަށް ނުބުނުން.
އޭސީސީން ވަނީ އިންތިހާބާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ފާހަގަކުރެވޭނަމަ އެ މައްސަލައެއް ހުށަހެޅުމަށް އެދިފަ އެވެ. އަދި އެފަދަ މައްސަލަތައް, އެ ކޮމިޝަނުގެ ވެބްސައިޓުގައި އިންތިހާބަށް ހާއްސަކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް އޭސީސީން ބުނެ އެވެ.













