އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ސ. ގަމުގައި ބޭނުން ކުރާ އުޅަނދު މަރާމާތު ކުރަން ފޮނުވާލަންޖެހޭތީ، އާ ހެލިކޮޕްޓަރެއް ހިފައިން އަންނަ ބުދަ ދުވަހު އިންޑިއާގެ މަނަވަރެއް އަންނާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
މަރާމާތު ކުރަން ފޮނުވާލާ ހެލިކޮޕްޓަރުގެ ޓެސްޓު ފްލައިޓުތަކެއް މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އެ ހެލިކޮޕްޓަރުގެ ބަދަލުގައި ގެންނަ އާ ހެލިކޮޕްޓަރު ހިފައިން އަންނަ މަނަވަރު ދާނީ ސީދާ އައްޑޫއަށް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
"ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާއަށް ގެންދިޔުމަށްޓަކައި ފެބްރުއަރީ 27، 2024 އިން ފެށިގެން އެ ހެލިކޮޕްޓަރުގެ ޓެސްޓު ފްލައިޓުތަކެއް ކުރިއަށްގެންދާނެ. އަދި މި ހެލިކޮޕްޓަރު ގެންދިޔުމަށާއި އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު ފެބްރުއަރީ 28، 2024، ވަނަ ދުވަހު އައްޑޫ ސިޓީއަށް އައުމަށް ވަނީ ހަމަޖެހިފަ،" ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިންގެ ބަދަލުގައި ގެންނަ މަދަނީ މީހުންގެ ފުރަތަމަ ބެޗު ރާއްޖެ އައިސްފައިވާ ކަމަށް ވެސް މިއަދު ޑިފެންސް މިނިސްޓްރީން ބުންޏެވެ. އެއީ ގަމުގައި ދުއްވާ ހެލިކޮޕްޓަރު އޮޕަރޭޓު ކުރާނެ މީހުން ކަމަށް ސަރުކާރުން ބުނެ އެވެ.
"ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމްވެފައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމަށް އަންނަ ސިވިލިއަން ކްރޫ މިއަދު ހަވީރު ވަނީ ދިވެހިރާއްޖެއަށް އައިސް،" މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ގާއިމުވެ ތިބޭ 89 ސިފައިން ރާއްޖެއިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފައިވާތީ އިންޑިއާއިން މިހާރު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ އެ އުޅަނދުތައް އޮޕަރޭޓު ކުރަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަށެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މާޗް 10، ގެ ކުރިންނެވެ. ފަހު ބެޗު ރާއްޖެއިން ދާނީ މެއި 10، ގެ ކުރިންނެވެ.













