ދެ ފަނޑިޔާރަކަށާއި ފުލުހުންނަށް އިންޒާރު ދިން މައްސަލައަކާ ގުޅިގެން ދެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
މި މައްސަލައާ ގުޅިިގެން ހައްޔަރު ކުރީ އުމުރުން 32 އަހަރުގެ މީހަކާއި އުމުރުން 22 އަހަރުގެ މީހެކެވެ.
މި މައްސަލާގައި ޝާމިލުވާ 32 އަހަރުގެ މީހާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ޖެހިއިރު, 22 އަހަރުގެ މީހާގެ ބަންދަށް ޖެހީ 15 ދުވަހުގެ މުއްދަތެކެވެ.
މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ދެ ފަނޑިޔާރުންނަށް އިންޒާރު ދިން މައްސަލައެއްގައި މި ދެ މީހުން ހައްޔަރު ކުރި އިރު, އެ މައްސަލާގައި ސީނަށް ހާޒިރުވި ފުލުހުންނަށް ވެސް މި ދެމީހުން އިންޒާރު ދިން ކަމަށް އެ މީހުންގެ ބަންދު އަމުރުގައި ވެއެވެ.

މި މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ފެންނާތީ ބަންދުގެ މުއްދަތު ޖެހިއިރު, ބަންދު އަމުރުގައިވާ ގޮތުން ދެ މީހުންނަކީ ވެސް މި ބާވަތުގެ ކުށުގެ ރިކޯޑު އޮންނަ ދެ މީހުންނެވެ.













