ހުޅުމާލެއިން މާލެއަށް ދަތުރުކުރި ކާރަކާއި ސައިކަލެއް ސިނަމާލޭ ބްރިޖު މަތީގައި އެކްސިޑެންޓުވެ އެކަކު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެއަށް ދަތުރުކުރި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހަވީރު 5:38 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި އެކަކު އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ކަމުގެ އިތުރަށް ފުލުހުން އެހެން މައުލޫމާތެއް ހިއްސާނުކުރެ އެވެ.
"އަދަދު" ނޫހަށް ލިބިފައިވާ މި އެކްސިޑެންޓުގެ ފޮޓޮއަކުން ފެންނަ ގޮތުގައި ސަައިކަލު އެކްސިޑެންޓުވީ ކާރުގެ ފަހަތުގަ އެވެ. އަދި ކާރު އޮތީ ސައިކަލު ދުއްވާ ލޭނުގަ އެވެ.
ސިނަމާލެ ބްރިޖާއި ބްރިޖުން ފައިބަައިގެން ގޮސް ހުޅުމާލެއަށް ދަތުރުކުރާ ހައިވޭއަކީ މިހާރު އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާ މަގެވެ. މީގެ ތެރެއިން ބައެއް އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވާއިރު، ބޮޑެތި އަނިޔާތަކެއް ވެސް ލިބިފައި އެބަހުއްޓެވެ. ހައިވޭގައި ހުރި ސޯލާ ޕެނަލްތަކަށް ވެސް ދެ ތިން ހަތަރު ފަހަރެއްގެ މަތިން ކާރުތައް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
މި ވަކިވަކި އެކްސިޑެންޓުތައް ހިނގަން މެދުވެރިވި ސަބަބު ފުލުހުން ހިއްސާނުކުރި ނަމަވެސް ޖުމްލަކޮށް ހުރިހާ އެކްސިޑެންޓެއް ވެސް ހިނގީ ބާރު ސްޕީޑުގައި ދަނިކޮށް ކޮންޓްރޯލުން ނެއްޓިގެން ނުވަތަ މުޑިއަރައިގެންނެވެ.












