ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް އެމަނިކުފާނަށް ހަމަހަމަ ބައެއް ކަމަށާއި ހިދުމަތް ކުރުމުގައި ވަކި ޕާޓީއަކަށް ނިސްބަތްވޭތޯ ނުބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި "އަަހާ" ޕަބްލިކް ފޯރަމްގައި ވީޑިއޯ މެދުވެރިކޮށް ސުވާލުކުރި އާންމު ރައްޔިތަކު ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ރައީސް ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ފްލެޓަށް ކުރިމަތިލުމުން, ޕޮއިންޓް ހަމަވުމަށް ފަހު ފްލެޓް ނުލިބޭތީ އެކަމުގެ ޝަކުވާ ރައީސްއާ ހިއްސާކޮށްފަ އެވެ.
"އަޅުގަނޑަކީ ދެން އޭރު އެހެން ޕާޓީއެއްގެ މީހެއް. އެކަމު މިހާރު އަޅުގަނޑަކީ މުއިއްޒު ޕާޓީ މީހެއް. މިފަހަރު އަޅުގަނޑަށް އިންނާނެ 88 ލިބިފައި. އެގްރިމެންޓުގައި ސޮއިކޮށްފައި ލިޔުމެއް ލިބިފައި ހަބަރެއް ދަބަރެއް ނެތް އެޔަކުން," އޭނާ ސުވާލުކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެކަން ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށް ވިދާޅުވެ އެ ސުވާލުގައި އެމަނިކުފާނު ރަނގަޅުކުރަން ބޭނުންވާ ކަމެއް ހިއްސާކުރައްވާފަ އެވެ.
"އެއްވެސް ވަރެއްގެ ޕާޓީ އެލައިންމެންޓެއް އަޅުގަނޑު ނުގެންގުޅޭނަން, ރައްޔިތުންނަށް ހިދުުމަތް ކުރުމުގައި. ޕީއެންސީއަށް ނިސްބަތްވާކަށް ނުޖެހޭނެ. ޕީޕީއެމަށް ނިސްބަތްވާކަށް ނުޖެހޭނެ, ރައްޔިތުންނަށް ހިދުމަތް ކުރުމުގައި. އަޅުގަނޑު ކުރިމަތީގައި ތި ހުރިހާ ލޮބުވެތި ރައްޔިތުންނެއް ވެސް, ރާއްޖޭގެ ހުރިހާ ރައްޔިތުންނެއް ވެސް ހަމަހަމަ," ރައީސްގެ ސްޓޭންޑް ސާފުކޮށްދެއްވަމުން ވިދާޅުވި އެވެ.

"އެއްވެސް ޕާޓީއެއްގައި އުޅުނަސް ނޫޅުނަސް އެއީ އަޅުގަނޑަށް މުހިންމު ކަމެއް ނޫން."
އެއަށްފަހު ރައީސް ވަނީ އެގްރީމެންޓެއްގައި ސޮއިކޮށްފައި އޮތުމަކީ ސަރުކާރަކުން އެކަމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި, ސުވާލުކުރި މީހާގެ ފްލެޓާ ގުޅޭ ކަންކަން ޖެހޭނީ ބައްލަވަން ކަމަށް ވިދާޅުވި އެވެ.
"ސިޔާސަތަކީ ދިވެހި ސަރުކާރަކުން ދިވެހި ރައްޔިތަކާ އެކީގައި ލިޔުމެއްގައި ސޮއިކޮށް ކަމަކަށް އެއްބަސްވެއްޖިއްޔާ ދިވެހި ސަރުކާރުން އެއަށް ޒިންމާވާން ޖެހޭނޭ. ހައްލު ހޯދައިދޭނަން," ރައީސް ވިދާޅުވި އެވެ.













