ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ ބައެއް ވަޒީރުންނާ ގުޅޭ ބޮޑު މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.
ކުރީގެ ބައެއް ވަޒީރުންނާއި ބައެއް މަޖިލިސް މެންބަރުންނާ ގުޅޭ މައްސަލަތަކެއް ބަލަމުންދާކަން އޭސީސީން "އަދަދު" އަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް އޭގެ ތަފުސީލެއް ނުދެ އެވެ.
"ކުރީ ސަރުކާރުގެ ބައެއް ވަޒީރުން އަދި މަޖިލިސް މެމްބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ފައިސާތަކެއް ޖަމާކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާތަކެއް ބަލަމުން ދަނީ،" އޭސީސީގެ މީޑިއާ އޮފިޝަލު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
ކުރީގެ ބައެއް ވަޒީރުންނާއި މެންބަރުންތަކެއްގެ މައްސަލަތައް ބަލަމުންދާ ކަމަށް އޭސީސީން ބުނިއިރު އެ ކޮމިޝަނުން މިއަދު ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ހިންގާ އޮފީހަށް ވަދެ ކުރީގެ ފައިލުތަކެއް ބަލައި ފާސްކޮށްފަ އެވެ.
އޭސީސީން އެންމެ ފުރަތަމަ އެސްޑީއެފްސީގެ އޮފީހަށް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ކުރީގެ ބައެއް ފައިލުތައް ބަލައި ފާސް ކުރަން އެ ކޮމިޝަނުން އައީ އޭގެ ފަހުން ކަމަށްވެ އެވެ.















