ބްރިޖް ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ކާރެއް ހުޅުމާލެއަށް އަރާ ސަރަހައްދުގައި ހަރުކޮށްފައިހުރި ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ދަގަނޑުތަކުގައި ޖެހި މިއަދު އެކްސިޑެންޓެއް ވެއްޖެ އެވެ.
ފުލުހުން މީޑިއާތަަކަށް ބުނި ގޮތުގައި އެކްސިޑެންޓުވީ ހުޅުމާލެ މިދިލިމަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮހެވެ. މި އެކްސިޑެންޓު ހިނގީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ.
މި ހާދިސާގައި ކާރު ދުއްވަން ހުރި ޑްރައިވަރަށް އަނިޔާވެފައިވާއިރު, ފުލުހުން ބުނީ އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކާރު އެރުމުގެ ސަބަބުން ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ދަނގަނޑުތަކަށް އަދި ކާރަށް ވެސް އެކިވަރުގެ ގެއްލުންވެފައި ވެއެވެ.
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކަކީ, ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމެންޓް މިނިސްޓްރީން ހިންގާ, 11 މިލިއަން ޑޮލަރު ނުވަތަ 169 މިލިއަން ރުފިޔާގެ އަގުބޮޑު މަޝްރޫއެކެވެ. މިއީ މި ޕެނަލްތަކަށް ކާރެއް މުޑިއެރި ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކާރުތައް ޖެހި، ސޯލާ ޕެނަލްތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ. މި ސަރުކާރުން މި ޕެނަލްތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ ވިސްނުމެއް ވެސް ގެންގުޅެ އެވެ. މިކަމާ ގުޅޭގޮތުން އެންމެ ފަހުން ސަރުކާރުން ބުނީ ފީސިބަލިޓީ ބަލަމުން އަންނަ ކަމަށެވެ.












