ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހިންގުމަށް ހުޅުމާލެ އިން ކޮމާޝަލް ޔުނިޓެއް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރެޝަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަހްމަދު ޝާމް އެވެ. އަދި ގުރުއާނާއި ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިމާމް އަބްދުލް ޖަލީލް އިސްމާއިލް އަދި އިމާމް އަބްދުﷲ ރަޝީދެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ހިންގަން ހަވާލުކުރީ ހުޅުމާލެ ކޮމާޝަލް ބްލޮކް 'އީ' ގެ ފުރަތަމަ ފަންގިފިލާގެ ޔުނިޓެކެވެ. ކޮމާޝަލް ބްލޮކް 'އީ' އަކީ ހުޅުމާލެ 76 ނަމްބަރު ފްލެޓުގެ އިރުމައްޗަށް ވާގޮތަށް ހުންނަ އިމާރާތެވެ.
އެޗްޑީސީން ބުނި ގޮތުގައި ގުރުއާނާ ބެހޭ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ހަވާލުކުރި މި ޔުނިޓަކީ އެ ކޯޕަރޭޝަނުގެ ސީއެސްއާރުގެ ދަށުން ދިން ޔުނިޓެކެވެ. އަދި މި ޔުނިޓް އެ މަރުކަޒާ ހަވާލުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށް ކަމަށް ވެސް ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ގާއިމްކުރެވޭ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ އެވެ. އަދި އެ މަރުކަޒުގެ ހިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަ ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުންނެވެ.














