ހިނގަމުން މިދާ 2024 ވަނަ އަހަރަށް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކޮށްފި އެވެ.
މިއަހަރުގެ މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އައްޔަނުކޮށްފައި ވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ. ހައި ކޯޓުގެ ފަރާތުން ފަނޑިޔާރު މުހައްމަދު ސަލީމް އައްުޔަނުކޮށްފައިވާއިރު ސުޕީރިއާ ކޯޓުތަކުގެ ތެރެއިން އައްޔަނުކުރީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު އެވެ.
ފަނޑިޔާރާކާ ގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅަން ޖެހޭނީ މި މަޖިލީހަށެވެ.
ޑީޖޭއޭއިން ވަނީ މިދިޔަ އަހަރު އެ މަޖިލީހުގައި ހިދުމަތް ކުރެއްވި ފަނޑިޔާރުންގެ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.














