މީގެ ކުރިން އެސްޓީއޯގެ އެމްޑީކަން ކުރެއްވި އަހްމަދު ޝަހީރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗެއާމަންގެ މަގާމަށް އައްޔަނުކުރައްވައިފި އެވެ.
ޝަހީރު ވަނީ 29 އަހަރުގެ ދިގު މުއްދަތަކަށް އެސްޓީއޯގެ އެކި މަގާމުތައް ފުރުއްވާފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 އިން 2018 ވަނަ އަހަރާއި ހަމައަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ޝަހީރު އަދާކުރެއްވި އެވެ.
ޝަހީރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ބެޗެލާސް ހާސިލުކުރުމުގެ އިތުރުން، އޮސްޓްރޭލިއާގެ އެޑެލައިޑް ޔުނިވާސިޓީން އެމްބީއޭ ހާސިލްކޮށްފަ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު މިހާރު އަދާކުރައްވަނީ ކުރީގެ މަޑަވެލި ދާއިރާގެ މަޖިލިސް މެމްބަރު މުއާޒް މުހައްމަދު ރަޝީދެވެ. ފެނަކައިން ރާއްޖޭގެ 153 ރަށެއްގައި ކަރަންޓުގެ ހިދުމަތް، 56 ރަށުގައި ނަރުދަމާގެ ހިދުމަތް، 43 ރަށެއްގައި ފެނުގެ ހިދުމަތް ފޯރުކޮށްދެ އެވެ.












