ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާ ގުޅޭ މާއްދާތަކަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެ އަމުރަށް އަމަލު ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު އެދިވަޑައިގަނެފި އެވެ.
"އެހެންކަމުން މިހާރު ނިންމާފައި މިވާ ކޯޓު އަމުރާ ގުޅޭ ގޮތުން ދަންނަވާލަން ބޭނުން ވަނީ މި ކޯޓު އަމުރު ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރުއްވާފައިވާއިރު މި މައްސަލަ ބެއްލެވުމެއް ނެތި އަދި އެއީ ގާނޫނުއަސާސީއާ ހިލާފުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެއް ނެތި ކޯޓު އަމުރެއް ނެރެފައިވާތީ އަޅުގަނޑުމެން ކަންބޮޑުވަން،" އަސްލަމް ވިދާޅުވި އެވެ.
"އެހެންކަމުން މި މައްސަލައިގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅައިދެއްވުމަށް އަޅުގަނޑު އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ފުރުސަތު ހުޅުވާލަން."
ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަންދެން، މަތީ ކޯޓުގެ އަމުރަށް އަމަލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް ކޯޓު އަމުރާ އެއްގޮތަށް ޖުމުލަ އަދަދު ކަނޑައެޅުމަށް ނިންމި ނަމަވެސް ކުރިއަށްދާނީ މަޖިލީހުން ނިންމާ ގޮތަކަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އެންމެ ބޮޑު ބަދަލަކީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ޖުމުލަ އަދަދު ކަނޑައެޅުމެވެ. އޭގެ އިތުރުން ވެސް އަޒުލު ކުރުމުގެ މަރުހަލާއާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައި އޮތް އިތުރު މާއްދާތަކެއް ވެސް މަޖިލީހުން އިސްލާހު ކުރި އެވެ.

މަޖިލީހުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވެ، މަޖިލީހުގެ ޖުމުލަ އަދަދު ބަލާނީ ހުސްވެފައިވާ ގޮނޑިތައް ވެސް ގުނައިގެން ކަމަށް އަސްލަމް ނިންމެވުމުން ބައެއް މެންބަރުން ވަނީ އެކަމާ ނުރުހުންފާޅުކޮށް ނިޒާމީ ނުކުތާތައް ނަންގަވައިފަ އެވެ.
އަސްލަމްގެ ނިންމެވުމާ ދެކޮޅަށް ވާހަކަ ދެއްކެވީ އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުންނެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރަކު ވިދާޅުވީ، ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ނުކުރެވޭނެ ކަމަށެވެ.
އަޒުލު ކުރުމާ ގުޅޭ މާއްދާތަކަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ. އެ މައްސަލައިގައި އެންމެ މަތީ ކޯޓުން އަމުރެއް ނެރުނީ މިދިޔަ ބުދަ ދުވަހެވެ.












