ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޅުމަޑުލު (ތ އަތޮޅު) އަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.
ތ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ތިން ދުވަހުގެ ދަތުރުގައި އެމަނިކުފާނު އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވި އެވެ. ރައީސްގެ މި ދަތުރު ފެއްޓެވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ގިނަ ވޯޓު ލިބުނު ރަށް ކަމުގައިވާ ތ. ގުރައިދުއިންނެވެ. ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ގާދިއްފުއްޓަށެވެ.
އޭގެ އިތުރުން އެ އަތޮޅު ދިޔަމިގިއްޔާއި މަޑިފުއްޓާއި ބުރުނީގެ އިތުރުން ވޭމަންޑޫ އާއި އޮމަދޫ އާއި ކަނޑޫދޫ އާއި ވަންދޫ އާއި ކިނބިދޫއަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ.
މީހުން ދިރިއުޅޭ 13 ރަށް އޮންނަ ތ އަތޮޅުން ރައީސް ވަޑައިނުގަންނަވަނީ އެ އަތޮޅު ވިލުފުއްޓާއި ހިރިލަންދު އާއި ތިމަރަފުއްޓަށެވެ. ނަމަވެސް މި ދަތުރުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ތ އަތޮޅު ކައުންސިލާ އެމަނިކުފާނު ބައްދަލުކުރެއްވި އެވެ.
ރައީސްގެ ދަތުރުގެ ތެރެއިން އެމަނިކުފާނު ވަނީ ހުރިހާ ރަށެއްގެ ކައުންސިލަކުން ވެސް އެރަށަކަށް އެންމެ ބޭނުން ޖެހިފައިވާ އަދި އެންމެ އިސްކަންދޭ ކަންކަމުގެ ތަރުތީބެއް، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފަ އެވެ.

ވެރިކަމަށް ވަޑައިގެެންނެވި ފަހުން އަތޮޅުތެރެއަށް ރައީސް މުއިއްޒު ކުރެއްވި ފުރަތަމަ ދަތުރުގައި ސަރުކާރުގެ ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.














