ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް, ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ދަނގަނޑުތަކުގައި ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.
އެ އެކްސިޑެންޓު ހިނގީ މިއަދު މެންދުރު 12:31 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ނަމަވެސް, ކާރު އެރުމުގެ ސަބަބުން ސޯލާ ޕެނަލްތަކަށް އަދި ކާރަށް ވެސް އެކިވަރުގެ ގެއްލުންވެފައި ވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކަކީ, ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމެންޓް މިނިސްޓްރީން ހިންގާ, 11 މިލިއަން ޑޮލަރު ނުވަތަ 169 މިލިއަން ރުފިޔާގެ އަގުބޮޑު މަޝްރޫއެކެވެ.













