ހުލާސާކޮށް އިއްޔެ: ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ފައިސާ ދޭނެ ކަމަށް ރައީސް ވިދާޅުވުން

މިފްކޯގެ ބޯޓަކަށް މަސް ކިރަނީ. -- ފޮޓޯ: އަދަދު

މިފްކޯގެ ބޯޓަކަށް މަސް ކިރަނީ. -- ފޮޓޯ: އަދަދު

މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް، މަސްވެރިންގެ އަތުން އެ ކުންފުނިން މަސް ގަތުމަށް ފަހު، މި ވަގުތު ނުދެވި ހުރި އޭގެ ފައިސާ ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވި އެވެ.

އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހުންނަ ސުވާލުތަކަށް، ސޯޝަލް މީޑިއާގައި ސީދާ ރައީސް މުއިއްޒު ޖަވާބު އެރުވުމުގެ ގޮތުން ރައީސް އޮފީހުން ވަނީ "ރައީސްގެ ޖަވާބު" ނަމުގައި ސިލްސިލާއެއް ފަށައިފަ އެވެ.

އެ ގޮތުން ރައީސް އޮފީހާއި ދިވެހި ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުން އިއްޔެ ޕޯސްޓުކުރީ ދިވެހި މަސްވެރިޔަކު ކުރި ސުވާލަކަށް ރައީސް ޖަވާބު ދެއްވާ ވީޑިއޯއެކެވެ. މަސްވެރިޔާގެ ކަންބޮޑުވުން އޮތް ކަމަކީ، އަދިވެސް މަސް ކިރުމަށް ފަހު ވަގުތުން މިފްކޯއިން އެ ގަންނަ މަހުގެ ފައިސާ ނުދިނުމެވެ.

ރައީސް މުއިއްޒު އެ ވީޑިއޯގައި ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ވެސް މަސްވެރިންނަށް ނުދެވި 270 މިލިއަނެއްހާ ރުފިޔާ އުޅުނު ކަމަށެވެ. އޭގެ ތެރެއިން 200 މިލިއަނެއްހާ ރުފިޔާ ދެއްކި ނަމަވެސް މަސް އިތުރަށް ފައިސާ ވަގުތުން ނުދީ ގަތުމުން އަނެއްކާ ވެސް އޭގެ އަދަދު މަތިވެފައިވާ ކަމަށެވެ.

"ދޭން ޖެހިފައި ހުރި ފައިސާ އެބަ ހުރި، މަސް ގަންނަމުންދާ ވަރަކުން، 270 ވަރަކަށް މިލިއަން ރުފިޔާ މިހާރު އަނެއްކާ ވެސް އެބަ އޮތް [މަސްވެރިންނަށް] ދޭން، މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް އެ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން މި ދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ވަގުތު ވަގުތީ ގޮތަކުން ފައިސާ ހަމަޖައްސައިގެން، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ހަމަޖެއްސި ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ގޮތަށް ވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި އިންތިޒާމުތައް ވެސް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަސްވެރިން މިފްކޯއަށް ކިރާ މަހަށް ވަގުތުން ފައިސާ ނުދިނުމާއި، މަސް ކިރުމަށް ކިއޫ ހަދައިގެން މަސްވެރި ދޯނިފަހަރުތައް އެތައް ދުވަހަކު ތިބެން ޖެހުމާއި، މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަކީ ކޮންމެ ސަރުކާރެއްގައި މަސްވެރިންގެ ފަރާތުން އިވޭ ޝަކުވާތަކެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox