ދިވެހި ސަރުކާރުގެ މަސް ގަނެ މަސްވެރި އުފެއްދުންތައް އުފައްދާ ކުންފުނި، މިފްކޯއިން ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ކެންޑިޑޭޓުންތަކަކަށް މަރުހަބާ ކިޔައި މަސްދަޅު ހަދިޔާކޮށްފި އެވެ.
މިފްކޯގެ ރަސްމީ އެކްސް އެކައުންޓުން މީގެ ފަސް ޕޯސްޓެއް ކުރި އެވެ. ޕޯސްޓު ކުރުމަށް ފަހު، ގާތްގަނޑަކަށް ބައި ގަޑިއިރެއްހާ އިރު ފަހުން ޕޯސްޓުތައް ވަނީ ޑިލީޓުކޮށްފަ އެވެ.
އެއިން ކޮންމެ ޕޯސްޓެއްގައި އެ ކެންޑިޑޭޓުގެ ނަމާއި ވާދަކުރާ ދާއިރާ ލިޔުމަށް ފަހު އޮންނަނީ "މިފްކޯގެ ސީއީއޯ މަރުހަބާ ދަންނަވައިފި، އަދި ދެކުނުގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހެޔޮ ފިޔަވަޅު އަޅުއްވާ ކަންކަން ފަހިކޮށްދިނުމަށް މިފްކޯއިން ދެމި ހުންނާނެ،" ކަމަށެވެ.
މިފްކޯއިން ކުރި ފަސް ޕޯސްޓުގައި އެ ކުންފުނީގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު އެ ކުންފުނީގެ "ފަސްމީރު" ބްރޭންޑުގެ އެކި ބާވަތުގެ މަސްދަޅާއި އެ ބްރޭންޑުގެ އެކި އުފެއްދުންތައް ހިމަނާފައިވާ "ހަދިޔާ ފޮއްޓެއް" ސަރުކާރުގެ ކެންޑިޑޭޓަށް ހަވާލުކުރާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އެޓޭޗުކޮށްފައިވެ އެވެ.
މިފްކޯއިން ކުރި ފަސް ޕޯސްޓުގައި ވަނީ ކާށިދޫ ދާއިރާގެ ކެންޑިޑޭޓު މުންތަޒިމް އިބްރާހިމް، ގެމަނަފުށި ދާއިރާގެ ކެންޑިޑޭޓު އަސަދުﷲ ޝިހާބު، ހިންނަވަރު ދާއިރާގެ ކެންޑިޑޭޓު މުހައްމަދު އަބްދުއްރަހުމާން، ވިލިނގިލި ދާއިރާގެ ކެންޑިޑޭޓު ޔަޒްމީދު މުހައްމަދު، އަދި ކޮލަމާފުށި ދާއިރާގެ ކެންޑިޑޭޓު އިބްރާހީމް ދީދީ އެވެ.

ޕޯސްޓުތައް ޑިލީޓު ކުރިއިރު އެކްސްގައި ގިނަ އަދަދެއްގެ މީހުން ވަނީ އެ ކަމަށް ފާޑުކިޔައިފަ އެވެ. ހިޔާލު ފާޅުކުރި މީހުންގެ ކަންބޮޑުވުމަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން، ވަކި ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރުމެވެ.












