ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ބޭފުޅަކު އަލުން ވަޒީރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރެއްވުމަކީ ގާނޫނު އަސާސީގެ ހުރުމަތް ކަނޑާލުން ކަމަށާއި އެ ވަޒީރުންނަށް ރުހުން ހޯދުމަށް އަލުން މަޖިލީހަށް ހުށަނޭޅޭނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ، ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނެތް ކަމަށެވެ. ނަމަވެސް, ރުހުން ނެތް ކަމަށް މަޖިލީހުން ފާސްކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ހަމަ އެ ބޭފުޅުން ވަނީ އެ މަގާމުތަކަށް އައްޔަނުކޮށްފަ އެވެ.
"ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުމެވެ. ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރުންގެ ނަންތަކެއް އަލުން އަނބުރާ ނުފޮނުވޭނެ," އެ ޕާޓީގެ ކުރު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް މުއިއްޒު މިގޮތަށް އަމަލުކުރެއްވުން ބަލައިނުގަނެވޭނެ ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން ބަންޑާރަ ނައިބުގެ މަގާމަށް އައްޔަނުކުރި އަހްމަދު އުޝާމަށް ވެސް އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
"ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަ ނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނުއަސާސީގެ ހުރުމަތާއި، ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް ޑިމޮކްރެޓުން ވަނީ ރައީސް މުއިއްޒުއަށް ހަނދާން ކޮށްދެއްވާފަ އެވެ.












