ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އައްޔަން ކުރައްވައިފި އެވެ.
މިއަދުގެ ވަގުތެއްގައި އޭނާ އެ މަގާމަށް އައްޔަންކުރެއްވި ކަން މުހުތާޒު ވަނީ "އަދަދު" ނޫހަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
މުހުތާޒަށް ސަރުކާރުގެ މަގާމެއް ދީފައި މި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރައްވައި މުހުތާޒު ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށެވެ.
ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި އެ ޕްރައިމަރީގައި މުހުތާޒު ވާދަކުރެއްވީ ދަނގެތި ދާއިރާއަށެވެ.
މުހުތާޒަކީ މިހާރު ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރި ބޭފުޅެކެވެ.

ނަމަވެސް 2016 ވަނަ އަހަރުގެ ފަހުކޮޅު، އޭރު ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ މުހުތާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައި، މުހުތާޒް އެ މަގާމުން ދުރުކޮށްފަ އެވެ.
އޭގެ ފަހުން ޔާމީނުގެ ވެރިކަމުގައި މުހުތާޒު ހައްޔަރު ވެސް ކުރި އެވެ. އެއީ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލައި 17 އަހަރުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އިއްވި އެވެ.
މުހުތާޒު މިނިވަންވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ޔާމީން ނާކާމިޔާބުވި ފަހުން، މުހުތާޒަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލް ކުރުމުންނެވެ. މިދިޔަ ފަސް އަހަރު ގަނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި މުހުތާޒު ވަނީ ޕީއެންސީ/ޕީޕީއެމްގެ ބައެއް ހަރަކާތްތެރިންނަށް ވަކާލާތު ކޮށްދެއްވައިފަ އެވެ.












