އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހަފުލާގައި ސަރުކާރުގެ އިސްވެރިން ހާޒިރުވެފައި ނުވަނީ "ވަގުތު ނުވެގެން" ކަމަށް ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލް ވިދާޅުވެއްޖެ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރަން އެގައުމުގެ ހައިކޮމިޝަނުން ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފުލާއަށް ސަރުކާރުގެ އިސްވެރިންނަށް ދައުވަތު ދިނެވެ.
އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް އެހަފުލާއަށް ވަޑައެއް ނުގަންނަވަ އެވެ. އެ ހަފުލާއަށް ސަރުކާރުގެ އިސް ބޭފުޅަކު ވަޑައިނުގަންނަވާނެކަން ސަރުކާރުގެ ފަރާތުން އިންޑިއާ ހައި ކޮމިޝަނަށް އަންގާފައި ނުވާކަން ވަނީ އެނގިގަ އެވެ.
އެ ހަފުލާއަށް ސަރުކާރުގެ ފަރާތުން ވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީން އަބްދުލް ސަމަދެވެ. އެހެން ބޭފުޅަކު ވަޑައިގެންނެވިކަމެއް އެނގޭކަށް ނެތެވެ.
އެހެން ނަމަވެސް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މާލޭގެ މޭޔަރު އާދަމް އާޒިމް އެ ހަފުލާއަށް އަށް ވަޑައިގެންނެވި އެވެ.














