ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ޖަލްސާއަށް ހުރަސް އެޅުމުން ކުރިއަށް ނުގެންދެވުނު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިރޭ 8:00 ޖަހާއިރު ކުރިއަށްގެންދަން ނިންމައިފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިރޭ ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ބައެއް މެމްބަރުން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ.
އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދޭން އެމްޑީޕީން ވަނީ ނިންމާފަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓަށް އަހަން ތާވަލުކޮށްފައި އޮތީ މެންދުރު 1:30 އަށެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިޔުމަަށް ހުރަސްއަޅައިފަ އެވެ. އެކަމުގެ ތެރޭގައި ބައެއް މެމްބަރުންގެ މެދުގައި މާރާމާރީ ވެސް ހިނގާފައިވެ އެވެ. އެގޮތުން މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އާއި މެމްބަރު އަހުމަދު އީސާއާ ދެމެދު ވަނީ މާރާމާރީއެއް ހިނގައިފަ އެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ބުނީ ރުހުން ނުދެނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވަން ކަމަށެވެ.
"މި ވަޒީރުންނަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޝައްކެއް ނުކުރަން، ރައީސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ،" ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.












