"ވަރަށް މުހިންމު ހިޔާލުފުޅުތަކެއް ފާހަގަ ކުރައްވައިފި އިނގޭތޯ، ދެއްކެވި ގިނަ ވާހަކަތަކަށް އަޅުގަނޑު ދަންނަވަން ޖެހޭނީ، ތި ވިދާޅުވި މައުލޫތަކުގަ އަޅުގަނޑު މިދެންނެވީ މިއަދު ކެބިނެޓުގައި މަޝްވަރާ ކުރެވުނު މައުލޫތައް، އެހެންވީމަ އެޔަށް ދޭނެ ކޮމަންޓެއް އަޅުގަނޑުގެ ނެތް"
މިއީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުރަތަމަ ނޫސްވެރިޔާ ކުރި ސުވާލަށް، އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ދެއްވި ޖަވާބެވެ. ނޫސްވެރިޔާގެ ސުވާލަކީ މިހާރު ރާއްޖެއަށް ދަތުރުކުރަމުންދާ ޗައިނާގެ ރިސާޗް އުޅަނދާ ގުޅޭ ސުވާލެކެވެ. މުހިންމު ހިޔާލެކެވެ.
ނޫސްވެރިން ދެން ކުރި ސުވާލުތަކުގެ ތެރޭގައި ގައުމުގެ މާލީ ހާލަތާއި، ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމި މައްސަލާގައި ދައުލަތުގެ ވަޒީރުން މިއަދު ކުރި މުޒާހަރާގެ އިތުރުން ގައުމީ ސަލާމާތާ ގުޅޭ ސުވާލުތައްވެސް ހިމެނެ އެވެ. އެ ހުރިހާ ސުވާލެއްވެސް ނާޒިމް އަށް ވީ މުހިންމު ހިޔާލުތަކަކަށެވެ. ނަމަވެސް ޖަވާބު ދެއްވަން ޖެހޭ ވަރުގެ މުހިއްމު ސުވާލަކަށް ނުވި އެވެ.
މި ސުވާލުތަކަށް ނާޒިމު ދެއްވަނީ މި ފަދަ ޖަވާބުތަކެވެ؛

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފިސް

"...ދެން ހުރީ އަޅުގަނޑު ހިތުން މި ކެބިނެޓު ނިންމެވުމާ ގުޅޭ ކަމަކަށް ނުވާތީވެ، އަޅުގަނޑު މިހުރީ އެކަމަށް ތައްޔާރުވެގެންނެއް ނޫން،"
"އަޅުގަނޑު މިތަނަށް އައިސް ހުއްޓި މި ހުންނަނީ އަޅުގަނޑުގެ ފަރުދީ ހައިސިއްޔަތަކުން ނޫން، އަޅުގަނޑު މިތަނަށް އައިސް މި ހުންނަނީ އަޅުގަނޑަށް ދެއްވި ޓާސްކުގައި އެ ކަންތައްތައް ކުރަން، އެހެންވީމަ އަޅުގަނޑުގެ ފަރުދީ އޮޕީނިއަންތައް ކަންކަމުގެ ދީގެން ކަމަކު ނުދާނެ ދެއްތޯ"
ސުވާލުތަކަށް ޖަވާބު ނުދެއްވި ނަމަވެސް ހާސްކަމެއްގެ ހިލަމެއް ވެސް ފާޅުނުކޮށް މިފަދައިން ވެސް ވިދާޅުވި އެވެ؛
"އަޅުގަނޑުވެސް ގަބޫލުކުރަން ލިބެންޖެހޭ ބައިވަރު މައުލޫމާތުތައް އެބަހުރި ނަމަވެސް އެ މައުލޫމާތުތައް މިގަޑީގަ ގެނައުން އެއީކީ އަޅުގަނޑުގެ މި ސްކޯޕްގެ ތެރޭގަ މިވަގުތު ހަމަޖެހިފަ އޮތް ކަމަކަށް ނުވާތީވެ އަޅުގަނޑު އެ މައުލޫގެ ތެރެއަށް ނުވަނުން އެއީ އަޅުގަނޑަށްވެސް އަދި ތިބޭފުޅުންނަށްވެސް އެންމެ ރަނގަޅު ގޮތް ކަންނޭގެ،"
މިއީ ހަމައެކަނި މިއަދުގެ ވާހަކައެއް ނޫނެވެ. ކޮންމެ ދުވަހަކު ވިދާޅުވަމުން ގެންދަވަނީ މިފަދަ މޭރުމަކުންނެވެ.
ނާޒިމަށް ޖަވާބެއް ނުދެއްވޭތީވެ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމުން، ނާޒިމްވެސް ވިދާޅުވީ އެކަމާ އޭނާވެސް ކަންބޮޑުވާ ކަމުގައި ވިޔަސް ޖަވާބެއް ދެވެން ނެތް ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނުގެ ގޮތުގައި މި ސަރުކާރުން ހަމަޖެއްސި މުހައްމަދު ޝަހީބު މަގާމުން ދުރުކުރީ މިދިޔަ މަހުގެ 31 ގެ ރޭ ދަންވަރު އެވެ. އެއަށްފަހު ސަރުކާރުގެ އެކި ކަންކަމުގައި މައުލޫމާތު ދޭނެ ރަސްމީ ތަރުޖަމާނެއް މިހާތަނަށް އައްޔަންކޮށްފައެއް ނުވެ އެވެ.
އެއަށްފަހު ކޮންމެ އާދިއްތަ ދުވަހަކު ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރަނީ ވަޒީރުންގެ މަޖިލީހުގެ ކުރު ހުލާސާ އެކެވެ. އެ މައުލޫގެ ބޭރުން އެންމެ ސުވާލަކަށްވެސް ޖަވާބުދޭން ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ.













