ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ބައެއް ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގައި ރުހުން ނުދޭން ނިންމައި ދަ ޑިމޮކްރެޓްސް އިން ތްރީލައިން ވިޕެއް މިއަދު ނެރެފި އެވެ.
ވަޒީރުންނަށް ރުހުން ދިނުން ހިމެނޭހެން ބަައެއް މުހިއްމު މަސައްކަތްތައް ކުރަން މަޖިލީހުގައި މިއަދު ބާއްވާ ދައުރުން ބޭރު ފުރަތަމަ ޖަލްސާ ފެށުމުގެ ކުރިން ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އަސާސްތަކަށް ބަލާއިރު އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވައި އެގޮތަށް އަމަލުކުރައްވަމުންގެންދަވާކަން ފާހަގަކުރެވޭ ކަމަށެވެ.
ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ދަމަހައްޓަން ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ތިބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ ޕާޓީން ދެކޭ ކަަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭކަންކަމެއް. އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގަ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީން،" ދަ ޑިމޮކްރެޓްސްގެ ބަޔާނުގައި ބުންޏެވެ.
ހިޔާލު ތަފާތުވުންތަކެއް އުފެދި އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިޔުމާ އެކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވި މެމްބަރުން އުފެއްދި ދަ ޑިމޮކްރެޓްސްއިން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި އެކުގައި މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.













