ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓާގެޓަކީ މަދުވެގެން 62 ގޮނޑިއާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށް އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދާ ޕީއެންސީ ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ހެންވޭރު ދަނޑުގައި ހުރި ވޯޓުލާ މަރުކަޒުތަކަށް ވަޑައިގެންނެވުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، އެވަރުގެ ކާމިޔާބީއެއް ހޯދޭނީ ރައްޔިތުންގެ ތާއީދާއެކީ ކަމަށާއި އެ ތާއީދު ލިބުމަކީ އުންމީދު ކުރައްވާ ގޮތް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސުޕަ މެޖޯރިޓީ ކާމިޔާބު ކުރާނަން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، މަދުވެގެން 62 ގޮނޑި ނަގާނަން، އެއީ ރައްޔިތުންގެ ތާއީދާ އެކީގަ، އަޅުގަނޑުމެން އުންމީދުކުރަނީ އެހިސާބަށް މަސައްކަތް ކުރެވޭނެ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށާއި ހަފުތާ 14 ގެ ތެރޭގައި ހިމެނިގެން ކަނޑައަޅާފައި ހުރި ހުރިހާ ކަމެއް ހާސިލް ވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ސަރުކާރުގެ އެކި މަގާމުތަކަށް ޕީއެންސީ ކޯލިޝަންގެ މަޖިލިސް މެންބަރުން ލުމާއެކު މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ މެންބަރުންގެ އަދަދު ހަތަރަކަށް ވެއްޓުނެވެ. ނަމަވެސް އެއަށްފަހު އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީއާ ގުޅުމާއެކު މިހާރު އެ ޕާޓީ ވަނީ މަޖިލީހުގެ މައިނޯރިޓީކަން ހޯދާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ އިދިކޮޅު އެމްޑީޕީގެ އަތުގަ އެވެ. ރިޔާސީ އިންތިހާބަށްފަހު ބޭއްވުނު އެންމެ ބޮޑު އިންތިހާބު ކަމަށްވާ މާލެ ސިޓީ މޭޔަރުގެ އިންތިހާބުވެސް ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އެވެ.












