ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓުން ކަނޑައަޅަން، ސަރުކާރު ހިންގާ ޕީއެންސީ/]ޕީޕީއެމް ކޯލިޝަނުން މިއަދު ކުރިއަށް ގެންދާ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓަށް ބަދަލުތައް ގެނައި ކަމަށް ބައެއް މީހުން ކުރަމުންދާ ތުހުމަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.
ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ހެންވޭރު ދަނޑަށް ވަޑައިގެން މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރަައީސް ވިދާޅުވީ ވޯޓާސް ލިސްޓަށް ޕާޓީގެ ލީޑާޝިޕުން ބަދަލު ގެނައުން ކަހަލަ ކަމެއް ހިނގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެފަދަ ކަމެއް ނުހިނގާ ކަމަށެވެ. ލީޑާޝިޕުން ބޭނުންވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެެވެ.
"އެއްވެސް ވޯޓާސް ރެޖިސްޓްރީއަކަށް، ވޯޓާސް ލިސްޓަކަށް ބަދަލުތައް ގެނައުމަކީ އެއްވެސް ގޮތަކުން އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް ނޫން. އަޅުގަނޑުމެންގެ ތެރޭ އެކަހަލަ ކަމެއް ނުހިނގާނެ. ގަބޫލެއް ނުކުރަން އެކަހަލަ ކަމެއް ހިނގައިފާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ކޯލިޝަންގެ ދެ ޕާޓީގެ ވޯޓާސް ލިސްޓްގައި ރެއާ ހަމައަށް ހުރި ބައެއް މީހުންގެ ނަންތައް މިއަދު ވޯޓުލާން ފެށިއިރު ނެތް ކަަމަށް ބައެއް މީހުން ކުރި ތުހުމަތާ ގުޅޭ ގޮތުން ސުވާލުކުރުމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރަނގަޅަށް ބަލައިނުލައި ބައެއް ބޭފުޅުން ޝަކުވާ ހުށަހަޅާ ހާލަތު ވެސް އަންނަ ކަމަށެވެ.
"ހަމަ އެންމެންނަށް ހަމަހަމަކަން އޮންނާނެ. ހަމަ އެ ހުށަހެޅޭ ކޮންމެ ކޭސް އެއް، ކޮންމެ ޝަކުވާއެއް ބަލާނަން،" ރައީސް ވިދާޅުވި އެވެ.

ޕްރައިމަރީގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދަފުތަރުގައި ރެއާ ހަމައަށް ވެސް އޮތް ބައެއް މީހުންގެ ނަންތައް ޕާޓީ އަދި ވޯޓާސް ލިސްޓުގައި ވެސް މިއަދު ނެތް އިރު، ދުވަހަކު ވެސް ޕާޓީއަށް ސޮއި ނުކުރާ އަދި އެ ޕާޓީގެ ދަފުތަރުގައި ވެސް ނެތް ބައެއް މީހުންގެ ނަން ވޯޓާސް ލިސްޓުގައި އޮތް ކަމަށް ބައެއް މީހުން މިއަދު ތުހުމަތުކުރި އެވެ.
"އަދަދު" އާ ވާހަކަ ދައްކަމުން މެދު ހެންވޭރު ދާއިރާގެ މީހަކު ބުނީ އޭނާގެ ނަން ރޭ ދަންވަރު ވެސް ޕާޓީ އަދި ވޯޓާސް ލިސްޓުގައި ވެސް އޮތް ކަމަށާއި އެކަމަކު މިއަދު ވޯޓުލާން ދިޔައިރު ޕާޓީގައި ވެސް ވޯޓާސް ލިސްޓުގައި ވެސް އޭނާގެ ނަން ނެތް ކަމަށެވެ.
"ރޭ ދަންވަރު ވެސް އަޅުގަނޑު ބެލިއިރު ނަން އޮތް. މިއަދު ނެތް ޕާޓީ ލިސްޓަކު ވެސް. ބައިވަރު މީހުންގެ ނަން ނެތް. އަޅުގަނޑުމެން ބަލަހައްޓާ ބޮޑު ލިސްޓެއް އޮވޭ. އޭގައި ހިމެނޭ މަދު ބައެއްގެ ނަން މިއަދު އޮތީ،" މެދު ހެންވޭރަށް ނިސްބަތްވާ އަހުމަދު ޝާހީން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
އޭނާ ބުނީ ގާތްގަނޑަކަށް 329 މީހުންގެ ނަން މިއަދުގެ ވޯޓާސް ލިސްޓުގައި ނެތްކަން ފާހަގަ ކުރެވޭ ކަމަށެވެ.
މިއަދު ކުރިއަށްދާ އިންތިހާބުގައި ޖުމްލަ 227 ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށްދާއިރު، 283 ކެންޑިޑޭޓުން ވާދަކުރެ އެވެ.
މާލެ ސަރަހައްދުގައި މި އިންތިހާބުގެ ވޯޓުލުުން ކުރިއަށް ގެންދާނީ ހަތް ސަރަހައްދެއްގަ އެވެ. އެއީ ހެންވޭރު ދަނޑު، ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް، ރެހެންދި ސްކޫލް އެވެ. މީގެ ތެރެއިން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ މީހުން ވޯޓުލާނީ ހެންވޭރު ދަނޑުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.
ޖުމްލަ 73 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން މި އިންތިހާބުގައި ހޮވާއިރު، ވޯޓުލުމުގެ ހައްގު ލިބޭ 71،597 މީހުން ތިބިކަމަަށް ޕީޕީއެމުން ވަނީ ހާމަކޮށްފަ އެވެ.
ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް އެ ކޯލިޝަންގެ ޓިކެޓު އޮތީ ކަށަވަރު ވެފަ އެވެ. މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.













