ވެރިކަން ހިންގާ ޕީޕީއެމުން ވަކި ކުރަން ނިންމި މުހައްމަދު މަލީހު ޖަމާލު ވެސް މިއަދު ކުރިއަށްދާ ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގައި ވޯޓުލައިފި އެވެ.
ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ޕީޕީއެމްއިން މަލީހު ވަކި ކުރަން އެ ޕާޓީގެ ސުލޫކު ކޮމިޓީން ނިންމީ ނޮވެމްބަރު، 2023، ގަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާ އޮތީ ޕާޓީގެ ދަފުތަރުގައި ކަމަށް މަލީހު ވިދާޅުވި އެވެ.
"ޕާޓީން ވަކި ނުކުރަންޏާ ވޯޓުލެވޭނެ ނޫންތޯ. އަޅުގަނޑު މިއައީ ހަމަ ދެންމެ ވޯޓުލާފައި،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އޭނާ ވިދާޅުވީ އޭނާ ވޯޓުދިނީ ޔާމީންގެ ކެންޑިޑޭޓަކަށް ކަމަށާއި ވޯޓުލާ މަރުކަޒުގެ ތެރެއިން އެމްޑީޕީގެ މެންބަރުން ވެސް ފެނުނު ކަމަށެވެ.
"ދެންމެ މިއައީ ޕީޕީއެމްޕީއެންސީ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގަންނަވާ ރައީސް ޔާމީންގެ ކެންޑިޑޭޓަށް ވޯޓު ދީފަ. ވޯޓުލާ ސަރަހައްދުން ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ފެނުނު. އަދި ގިނަ އަދަދެއްގެ އެމްޑީޕީ ސިޔާސީ އެކްޓިވިސްޓުން ޕީޕީއެމް ޕްރައިމަރީގައި ވޯޓުލުމުގައި އުޅުނު،" އޭނާ ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓުން ހޮވަން މިއަދު ބާއްވާ އިންތިހާބުގައި ވޯޓާސް ލިސްޓުގައި މައްސަލަ ޖެހިގެން ބައެއް މަރުކަޒުތަކުގައި ވަނީ ހަމަނުޖެހުން ހިނގައިފަ އެވެ. ރެއާ ހަމައަށް ވޯޓާސް ލިސްޓުގައި އޮތް ބައެއް މީހުން މިހާރު އެ ލިސްޓުގައި ނެތް އިރު، ދުވަހަކު ވެސް ސިޔާސީ ޕާޓީއަކަށް ސޮއި ނުކުރާ މީހުންގެ ނަން ލިސްޓުގައި އެބަ އޮތެވެ.
"ރޭ ދަންވަރު ވެސް އަޅުގަނޑު ބެލިއިރު ނަން އޮތް. މިއަދު ނެތް ޕާޓީ ލިސްޓަކު ވެސް. ބައިވަރު މީހުންގެ ނަން ނެތް. އަޅުގަނޑުމެން ބަލަހައްޓާ ބޮޑު ލިސްޓެއް އޮވޭ. އޭގައި ހިމެނޭ މަދު ބައެއްގެ ނަން މިއަދު އޮތީ،" މެދު ހެންވޭރަށް ނިސްބަތްވާ އަހުމަދު ޝާހީން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
އެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ޕާޓީތަކުގެ ދަފުތަރު މެނޭޖް ކުރަނީ ޕޯޓަލަކުން ކަމަށާއި އޭގެ ފުރިހަމަ އެކްސެސް އެ ޕާޓީއެއްގެ ރަޖިސްޓްރާއަށް އޮންނާނެ ކަމަށެވެ.
"ޕޯޓަލްގެ ފުލް އެކްސެސް އޮންނާނެ ޕާޓީގެ ރަޖިސްޓްރިއާއަށް. އެކަމަކު ހަމަ ހުރެފަ ސިޔާސީ ޕާޓީއަކުން ވަތްކެއް ނުކުރެވޭނެ. އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ އެއްގޮތަށް ވަކި ކުރެވޭނީ،" ހަބީބު ވިދާޅުވި އެވެ.
މިއަދު ކުރިއަށްދާ އިންތިހާބުގައި ޖުމްލަ 227 ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށްދާއިރު، 283 ކެންޑިޑޭޓުން ވާދަކުރެ އެވެ.
މާލެ ސަރަހައްދުގައި މި އިންތިހާބުގެ ވޯޓުލުުން ކުރިއަށް ގެންދާނީ ހަތް ސަރަހައްދެއްގަ އެވެ. އެއީ ހެންވޭރު ދަނޑު، ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް، ރެހެންދި ސްކޫލް އެވެ. މީގެ ތެރެއިން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ މީހުން ވޯޓުލާނީ ހެންވޭރު ދަނޑުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.
ޖުމްލަ 73 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން މި އިންތިހާބުގައި ހޮވާއިރު، ވޯޓުލުމުގެ ހައްގު ލިބޭ 71،597 މީހުން ތިބިކަމަަށް ޕީޕީއެމުން ވަނީ ހާމަކޮށްފަ އެވެ.
ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް އެ ކޯލިޝަންގެ ޓިކެޓު އޮތީ ކަށަވަރު ވެފަ އެވެ. މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.













