ވޯޓާ ލިސްޓުގެ މައްސަލަތަކެއް އުޅޭ ކަމަށް ބުނެ، ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓުން ކަނޑައަޅަން މިއަދު ބާއްވާ އިންތިހާބުގެ ވޯޓުލާ ބައެއް މަރުކަޒުތަކުގައި ހަމަނުޖެހުންތަކެއް ހިނގައި ވޯޓު ފޮއްޓެއް ވެސް އެއްލާލައިފި އެވެ.
ވޯޓާސް ލިސްޓުގައި މައްސަލަތަކެއް އުޅޭތީ ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި މެދު ހެންވޭރު އަދި ހެންވޭރު ދެކުނު ފޮށި ކައިރި ވަނީ ހަމަނުޖެހުން ހިނގައިފަ އެވެ. އަދި ރެހެންދި ސްކޫލުގައި ބަހައްޓާފައި ހުރި ހުޅުމާލޭ ދެކުނު ދާއިރާގެ ފޮށި ކައިރީގައި ވެސް ވަނީ ހަމަނުޖެހުން ހިނގައިފަ އެވެ.
މައްސަލަ ޖެހުނީ ކުރިން ވޯޓުލާ ލިސްޓުގައި އޮތް ކަމަށް ބުނާ ނަމެއް މިއަދު އެ ލިސްޓުގައި ނެތުމުންނެވެ. ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް އެއްލައިލީ ވެސް އެ މައްސަލަ ބޮޑުވި ފަހުންނެވެ.
ކަލާފާނު ސްކޫލުގައި މައްސަލަ ވަރަށް ބޮޑުވެ، އެތަން ހަމައަކަށް އަޅުވަންޖެހުނީ ފުލުހުން ގޮސްގެނެވެ. ނަމަވެސް ވޯޓުލާ މަރުކަޒު އަދިވެސް ހަމައަކަށް ނޭޅެ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "އަދަދު" އަށް ވިދާޅުވީ ޕްރައިމަރީގެ ވޯޓުލާ ބައެއް މަރުކަޒުތަކުގައި ކުދިކުދި މައްސަލަތައް ޖެހި ވޯޓުލުން މެދުކަނޑައިލި ކަމަށާއި އެހެން ނަމަވެސް އެ މައްސަލައް ހައްލުވެފައިވާ ކަމަށެވެ.
"ކުދިކުދި މައްސަލަތައް ދިމާވި، އެހެން ނަމަވެސް އެ މައްސަލަތައް ހައްލުކޮށް ވޯޓުލުން ރަނގަޅަށް ކުރިއަށް އެބަދޭ،" ހީނާ ވިދާޅުވި އެވެ.
މިއަދު ކުރިއަށްދާ އިންތިހާބުގައި ޖުމްލަ 227 ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށްދާއިރު، 283 ކެންޑިޑޭޓުން ވާދަކުރެ އެވެ.
މާލެ ސަރަހައްދުގައި މި އިންތިހާބުގެ ވޯޓުލުުން ކުރިއަށް ގެންދާނީ ހަތް ސަރަހައްދެއްގަ އެވެ. އެއީ ހެންވޭރު ދަނޑު، ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް، ރެހެންދި ސްކޫލް އެވެ. މީގެ ތެރެއިން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ މީހުން ވޯޓުލާނީ ހެންވޭރު ދަނޑުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.
ޖުމްލަ 73 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން މި އިންތިހާބުގައި ހޮވާއިރު، ވޯޓުލުމުގެ ހައްގު ލިބޭ 71،597 މީހުން ތިބިކަމަަށް ޕީޕީއެމުން ވަނީ ހާމަކޮށްފަ އެވެ.
ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް އެ ކޯލިޝަންގެ ޓިކެޓު އޮތީ ކަށަވަރު ވެފަ އެވެ. މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.












