މާޗްމަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބާއްވާ ޕްރައިމެރީ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
މި އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ ހެނދުނު 10:00 ގައެވެ. އަދި ވޯޓުފޮށިތަކުގެ ކިއުތައް ބަންދުކުރާނީ ހަވީރު 5:00ގަ އެވެ.
މި އިންތިހާބުގައި ޖުމްލަ 227 ވޯޓު ފޮށި ބަހައްޓައި ވޯޓުލުން ކުރިއަށްދާއިރު، 283 ކެންޑިޑޭޓުން ވާދަކުރެ އެވެ.
މާލެ ސަރަހައްދުގައި މި އިންތިހާބުގެ ވޯޓުލުުން ކުރިއަށް ގެންދާނީ ހަތް ސަރަހައްދެއްގަ އެވެ. އެއީ ހެންވޭރު ދަނޑު، ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް، ރެހެންދި ސްކޫލް އެވެ. މީގެ ތެރެއިން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ މީހުން ވޯޓުލާނީ ހެންވޭރު ދަނޑުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.
ޖުމްލަ 73 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން މި އިންތިހާބުގައި ހޮވާއިރު، ވޯޓުލުމުގެ ހައްގު ލިބޭ 71،597 މީހުން ތިބިކަމަަށް ޕީޕީއެމުން ވަނީ ހާމަކޮށްފަ އެވެ.

ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް އެ ކޯލިޝަންގެ ޓިކެޓު އޮތީ ކަށަވަރު ވެފަ އެވެ. މި 13 މީހުންނަށް ޓިކެޓު ކަށަވަރުވީ އެ މީހުން ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓު ކަށަވަރުވެފައިވާ މީހުންގެ ތެރޭގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ އިސް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲއާއި އޭދަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސަލީމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު، އަހުމަދު ތާރިގު ހިމެނިވަޑައިގަންނަވަ އެވެ.
ޕީޕީއެމް/ޕީއެންސީގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓުން ގަސްތުގައި ބައެއް މިޙުންގެ ނަން އުނިކޮށްފައިވާކަމަށް ބުނެ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ތުހުމަތުކުރާ ގޮތުގައި ލިސްޓުން ނަން އުނިކޮށްފައި ވަނީ ގަސްތުގައި ވަކި ކެންޑިޑޭޓަކަށް ވޯޓު މަދުކުރުމަށެވެ.
މިކަމާ ގުޅިގެން އެ ކޯލިޝަކުން ރަސްމީ ބަހެއް ހާމައެއް ނުކުރެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމެރީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު، ވާދަކުރަން ހުށަހެޅި ބައެއް ކެންޑިޑޭޓުގެ ޝަރުތުހަމަނުވާކަން މިމަހުގެ 21ގައި އެންގުމުން ވެސް ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ.
ކެންޑިޑޭޓުންނަށް ވާދަނުކުރެވޭނެކަން އެންގުމަށް ފޮނުވި ސިޓީތަކުގައި ސޮއިކުރައްވާފައި ވަނީ އަބްދުއްރަހީމް އެވެ. ބައެއް ކެންޑިޑޭޓުންނަށް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ނުކޮށްދޭތީ އެވެ. އަދި ޕާޓީގެ ތެރޭގައި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުކޮށް ވެސް ވާދަނުކުރެވޭ ގޮތަށް ނިންމި އެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ އޮފީހުގެ ތެރޭގައި ހޫނު ޒުވާބުތަކެއް ވެސް ހިނގި އެވެ.
އެކަމުގެ ހިތްހަމަނުޖެހުމުގައި ބައެއް ކެންޑިޑޭޓުން ވަނީ އަމިއްލަ ގޮތުން ވާދަކުރާނެކަން އިއުލާނުކޮށް ޕާޓީއަށް ފާޑުކިޔާފަ އެވެ. އަދި, ކެންޑިޑޭޓުންގެ ބައެއް ސަޕޯޓަރުން ވަނީ ޕާޓީން ކެނޑެން ސިޓީ ވެސް ލާފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އެންމެ ފަހުން ނިންމީ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ކުރިމަތިލެވޭނެކަމަށެވެ.













