ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ވަޒީރުންނާ އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ބާއްވާ ފުރަތަމަ ބައްދަލުވުން މިރޭ އޮންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ރައީސް އޮފީހާއި ގުޅިގެން އެ ބައްދަލުވުން ބާއްވާ ދައުލަތުގެ މީޑިއާ "ޕީއެސްއެމް"އިން، ބައްދަލުވުން ބާއްވާނީ "އަހާ"ގެ ނަމުގައި ކަމަށެވެ. ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި މިރޭ 8:30 ގައި ސަލްޓަން ޕާކުގަ އެވެ.
އެ ބައްދަލުވުމުގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
- އިސްލާމީ މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު
- ޖެންޑާ މިނިސްޓަރު، އައިޝަތު ޝިހާމް
- ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު
- ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު
ސަރުކާރުން ބުނި ގޮތުގައި ބައްދަލުވުން ކުރިއަށް ގެންދާނީ ދެ ގަޑިއިރަށެވެ.
ބައްދަލުުވުމުގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައިވެ އެވެ.

ކޮންމެ ދެމަހުން އެއްމަހު އާންމު ރައްޔިތުންނާއި ވަޒީރުން ބައްދަލުކޮށް، އާންމުން އެދޭ ސުވާލުތަކަށް ވަޒީރުން ޖަވާބުދާރީވާނެކަން އިއުލާންކުރީ މޭޔަރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ކޮންމެ ދެމަހުން އެއް މަހު މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ތިން މަހުން އެއްމަހު ރައީސް މުއިއްޒު ބައްދަލުކުރައްވާނެ އެވެ. މިގޮތަށް ބާއްވާ ކޮންމެ ފޯރަމެއްގައި ވެސް ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ.












