ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް ކުރިން ބުނި ނަމަވެސް އެގޮތަށް އެކަން ނުކުރީ ޕާޓީގެ ސިޔާސަތުތައް ރައީސް ގަބޫލުނުކުރެއްވުމުން ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ބާކީ އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ގުޅިގެން މަސައްކަތްތަކެއް ކުރާނެކަން ހާމަކުރަން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އެެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ވިދާޅުވީ ބައެއް މަގާމުތައް އެޕާޓީއަށް ހޯދުމަކީ އެ ޕާޓީން ސަރުކާރަކާ ބަައިވެރިވާނެ ސަބަބެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެޕާޓީން ސަރުކާރަށް ހުށަހެޅީ ސިޔާސަތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސް އިން އެޕާޓީގެ ސިޔާސަތުތައް ސަރުކާރަށް ދެފަހަރެއްގެ މަތިން ހުށަހެޅި އެވެ. އެއީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ކުރިންނާއި ޕާޓީތަކުގެ ލީޑަރުންނާ ރައީސް ދާދި ފަހުން ބައްދަލުކުރެއްވި އިރުގަ އެެވެ. އެ ދެ ފަހަރު ވެސް ޑިމޮކްރެޓްސް އިން ހުށަހެޅި ސިޔާސަތުތައް އެމަނިކުފާނު ގަބޫލުނުކުރެއްވި ކަމަށް ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ސިޔާސަތުތަކަކާ ހަމަތަކަކާ އުސޫލުތަކަކާ ސަރުކާރުން ގަބޫލުކުރާ ކަމަށް ވަންޏާ އަަޅުގަނޑުމެން ތިބީ ސަރުކާރާ އެކީގައި މަސައްކަަތްކުރަން. އަދި ސަރުކާރުގެ ބައިވެރިންގެ ގޮތުގައި ވެސް ވާން، ޑިމޮކްރެޓްސް ސަރުކާރުގައި ބައިވެރިވާނެ ކަަމަށް އޭރު ބުނި ބުނުން ދިފާއުކުރައްވަމުން ހަސަން ވިދާޅުވި އެވެ.
އެހެން ނަމަވެސް އެކަން އެހެން ނުވި ކަމަށް ވިދާޅުވެ، އެޕާޓީއާ ހިޔާލު ތަފާތުވާ ސިޔާސަތެއްގެ މިސާލަކަށް އޭނާ ދެއްކެވީ ހާރިޖީ ސިޔާސަތެވެ. އެއީ އެއްގޮތަކަށް ވެސް ޑިމޮކްރެޓްސް ގަބޫލުނުކުރާ ސިޔާސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ފޮރިން ޕޮލިސީ، އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭނެ މިހާރުގެ ފޮރިން ޕޮލިސީއެއް ސަރުކާރުގެ. އޭރު ވެސް އަޅުގަނޑުމެން ދެއްކީ އެވާހަކަ. ފަހުން ވެސް ދެއްކީ އެވާހަކަ. އެކަން ކަމެއް ގަބޫލެއް ނުކުރެވޭ ސަރުކާރަކަށް، ޑރ.މުއިއްޒަކަށް،" ހަސަން ވިދާޅުވި އެވެ.
އެކަންކަން އެހެން ހުރުމުން ސަރުކާރާ އެކުގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާ ސިޔާސަތުތައް ދޫކޮށްލާފައިވާ ވަޒީފާއެއް ހޯދަން ދާން ޑިމޮކްރެޓްސްގެ އާއްމު މެމްބަރުން ވެސް ބޭނުން ނުވާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.













