މީގެ ފަސް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މާރާމާރީއެއްގެ ތެރެއިން ވ. ކެޔޮދޫ، ދޭލިޔާގޭ މޫސާ އަހުމަދު، 19، ގެ ގަޔަށް ވަޅި ޖަހާ މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަދި އޭނާއާއި އިތުރު މީހެއްގެ މައްޗަށް މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް އުފުލި އެވެ. އެއިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން ކުރެއްވި ހުކުމުގައިވާ ގޮތުން، ކުށް ސާބިތުނުވި މައިގަނޑު ސަބަބަކީ ކޯޓަށް ހެކިބަސް ދިން ހަމައެކަނި ހެކިވެރިޔާ ފަހުން އޭނާގެ ހެކިބަސް އަނބުރާ ގެންދިޔުމުންނެވެ. ހެކިވެރިޔާ ހެކިބަސް ދިނީ ދައުލަތުން ބިރު ދައްކައިގެން ކަމަށް ބުނެ ކޯޓަށް ސިޓީއެއް ފޮނުވި އެވެ.
ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި ވީޑިއޯ ފުޓޭޖުތަކެއް ހުށަހެޅި ނަމަވެސް އެ ފުޓޭޖުން ފެންނަނީ އޭނާ ކަން ޔަގީން ނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި އެ ކަމަށް ބާރު ދޭނެ އިތުރު ހެކިތައް ހުށަހެޅިފައި ނެތް ކަމަށާއި ދައުލަތުން ހުށަހެޅި އެހެން ފޮރެންސިކް ހެކިތަކުން ވެސް ކުށާއި ސައްމާހުއާ ގުޅައިލެވޭނެ ގޮތެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.














