ފުވައްމުލަކު ސިޓީގެ ޖެނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ކޮންމެ ދުވަހަކު ރަށުން ކަރަންޓު ކަނޑަމުންދާތާ 11 ދުވަސް ވެއްޖެ އެވެ.
މިމަހުގެ 11 ވަނަ ދުވަހު ފުވައްމުލަކު ފެނަކަ ބްރާންޗުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ސިޓީގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޖެންސެޓެއްގެ މައްސަލަ ދިމާވެފައިވާ ކަމަށާއި އެކަން ހައްލު ކުރެވެންދެން ލޯޑު ބޮޑުވާ ވަގުތުތަކުގައި މުޅި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާނެ ކަމަށެވެ.
އޭގެފަހުން ފާއިތުވި 11 ދުވަހު ވެސް އެ ކޯޕަރޭޝަނުން ދަނީ ކޮންމެ ދުވަހަކު ވެސް ފުވައްމުލަކުގެ އެކި ހިސާބުތަކަށް ބަލާލައިގެން ކޮންމެ ސަރަހައްދަކުން އެއްގަޑިއިރަށް ކަރަންޓު ކަނޑަމުންނެވެ.
"ފުވައްމުލަކު ސިޓީގެ ޖެންސެޓަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން ތިރީގައިވާ ތާވަލާ އެއްގޮތަށް މިއަދު މެންދުރުފަހުން ފެށިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް ލޯޑު މަތިނުވެ ހިފެހެއްޓޭ ގަޑިތަކުގައި ކަރަންޓުގެ ހިދުމަތް [އެ ސަރަހައްދުތަކުން] މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް،" މިއަދު އެ ފުވައްމުލަކު ފެނަކަ ބްރާންޗުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
ފުވައްމުލަކުން "އަދަދު" އާ ވާހަކަދެއްކި މީހަކު ބުނީ އެ ސިޓީގެ ޖެންސެޓަށް ދިމާވި މައްސަލައާ ގުޅިގެން ކޮންމެ ރެއެއްގެ އިރުއޮއްސި ހަޔަކުން ފެށިގެން ރޭގަނޑު 10 އާ ހަމައަށް މަގުބައްތިތައް ވެސް ނުދިއްލާ ކަމަށެވެ.

"ލޯޑު ނުހިފަހައްޓާތީ ރޭގަނޑު ވެސް ހުރިހާ މަގުބައްތިތަކެއް ނިއްވާލާފައި ހުންނަނީ،" ފުވައްމުލަކުން މައުލޫމާތު ދިން މީހާ ބުންޏެވެ.
ފުވައްމުލަކު ސިޓީގެ ޖެންސެޓަށް ދިމާވި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އެ ކުންފުންޏާ ގުޅުމަށް ކުރި މަސައްކަތުން މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެ އެވެ.
ޖުމުލަ 491.7 ހެކްޓަރުގެ ފުވައްމުލަކަކީ 11,000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށަށް ސިޓީއެއްގެ ދިނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ.













