ޕާޓީގެ ތެރޭގައި ފިތުނަ އުފެއްދި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ނުދޭން ނިންމުމަށްފަހު އެ ނިންމުން ބަދަލު ކުރި ނަމަވެސް އޭނާގެ ވިސްނުމަކީ ޕީއެންސީ/ޕީޕީއެމް އިން ބާއްވާ ޕްރައިމަރީގައި ވާދަ ނުކުރުން ކަމަށް ގާރީ މުހައްމަދު ތައުފީގު އަލީ (އީގަލްސް ތޯއްޓޭ) ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ވެރިކަން ހިންގާ ކޯލިޝަނުގެ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ބައެއް ކެންޑިޑޭޓުންނަށް ނުދޭން އިއްޔެ ނިންމީ ޕާޓީ ބައިބައިވާ ގޮތަށް ފިތުނަ އުފެއްދި ކަމަށް ބުނެ އެވެ. އަދި ބައެއް މެންބަރުންގެ ކެންޑިޑެސީ ބާތިލު ކުރީ ޕާޓީއަށް ހިދުމަތް ނުކުރާ ކަމަށް ބުނެ އެވެ.
"އަޅުގަނޑުގެ ބޮލުގަ ވަރަށް ބޮޑު އިލްޒާމެއް އަޅުވާފައި އޮތީ. އަޅުގަނޑުގެ ހަޔާތާ ގުޅޭ ކަމެއް ނޫން އެއީ. އަޅުގަނޑު ދަންނަ އެންމެނަށް ވެސް އެކަން އެނގޭނެ. އެއްވެސް އުސޫލެއް، ހަމައެއް ނެތި ބޮޑު ޕާޓީއަކުން މިފަދަ ކަމެއް ކުރީމަ މިހާރު އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެކަމާމެދު ޝައްކު،" ޖަމިއްޔަތުއް ސަލަފުގައި ވެސް އިސް ދައުރެއް އަދާ ކުރައްވާ ތައުފީގު މިި "އަދަދު" އަށް ވިދާޅުވި އެވެ.
ޕާޓީގެ ތެރޭގައި ފިތުނަ އުފެއްދުމަށް ތައުފީގު މަސައްކަތް ކުރެއްވި ކަމަށް ޕީއެންސީން ބުނާތީ އެކަމުގެ ހެކި ހުށަހެޅުމަށް އެދި އޭނާ ވަނީ ޕީއެންސީއަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
"ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި އަޅުގަނޑު ޖެހިފައެއް ނޯންނާނެ. ތިޔަ ބޭފުޅުން އަޅުގަނޑުގެ ބޮލުގައި އެފަދަ ބޮޑު ތުހުމަތެއް އަޅުވާފައިވާތީވެ، އޭގެ ހެކި ހޯދަން އަޅުގަނޑު ބޭނުންވޭ،" ތައުފީގު ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުން ހޮވުމުގެ އުސޫލުގެ ދަށުން އިއްޔެ ބައެއް މެންބަރުންނަށް ވާދަ ކުރުމުގެ ފުރުސަތު ނުދޭން ނިންމުމަށްފަހު މިއަދު އެ ނިންމުން ބަދަލު ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ސަރުކާރުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވި އެވެ.
"ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި," އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ބައެއް މެމްބަރުންގެ ކެންޑިޑެސީ ބާތިލު ކުރުމަށްފަހު އެ ނިންމުން މިއަދު ބަދަލު ކުރިއިރު، އެކަމުގެ ނުރުހުމުގައި ބައެއް މެންބަރުންގެ ސަޕޯޓަރުން ޕާޓީގެ މެމްބަރުން ދަނީ ކެނޑެމުންނެވެ. އެގޮތުން މެދު ހެންވޭރު ދާއިރާއަށް ވާދަ ކުރަން ނިންމި ހަސަން ޝިޔާމް (ވީބީ ޝިޔާމް) ގެ ސަޕޯޓަރުން ޕާޓިން ކެނޑެން މިއަދު ސިޓީތަކެއްގައި ސޮއި ކުރި އެވެ.
ޕާޓީގެ ތެރޭގައި ފިތުނަ އުފެއްދި ކަމަށް ޕީއެންސީން ތުހުމަތު ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މުއިއްޒުއާ ދެމެދު މައްސަލަ ޖެހުނު ވަގުތު ރައީސް ޔާމީންއަށް ސަޕޯޓު ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.
"މި ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހިވަޑައިގެން ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ، އެ ސިޔާސަތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރައްވާ، ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކުރައްވާފައިވާތީ ...،" އެ ސިޓީތަކުގައި ބުނެފައިވެ އެވެ.
އެހެން ބައެއް މެންބަރުން ކައިރީ ޕާޓީން ބުނީ އެކަށީގެންވާ މިންވަރަށް ޕާޓީއަށް ހިދުމަތްކޮށްފައިނުވާ ކަމަށެވެ.
"ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެއްވާފައިވާ ކަމަށް ނުފެންނާތީ، މަނިކުފާނުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ނިންމާފައިވާތީ، ކެންޑިޑެސީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވިން،" ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ބައެއް މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ކޮރަޕްޝަނުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގަތީ ނޮވެމްބަރު، 2023، ގަ އެވެ. އެއަށްފަހު ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔާމީންއާ ގުޅުން ކަނޑާލާފައިވާ ކަމަށް ސަރުކާރުން ޕާޓީގެ ހަރަކާތްތައް ހުއްޓުވާފައިވާ ކަމަށެވެ.
އޭގެ ފަހުން ޕީޕަލް ނެޝަނަލް ފްރޮންޓުގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ޔާމީން ގެންދަވަނީ ކުރައްވަމުންނެވެ.












