ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ އިންޓަނޭޝަަނަލް ޑިޕާޓްމެންޓުގެ ވައިސް މިނިސްޓަރު ސުން ހައިޔާން ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ހައިޔާން ރާއްޖެ ވަޑައިގަތީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެ އެވެ. އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އޭނާ ރާއްޖޭގައި އުޅުއްވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ހައިޔާން ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އޭނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުލް ސަމަދެވެ.
ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ހައިޔާން އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ވެސް ބައްދަލުކުރައްވާނެ އެވެ.
އޭގެ އިތުރުން އދ. މަހިބަދޫ ކައުންސިލުން ބާއްވާ ޑޮނޭޝަން ހަފްލާއެއްގައި ބައިވެރިވާނެ އެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ރައީސް މުއިއްޒު އާއި ސަރުކާރުގެ ވަފުދެއް ޗައިނާއަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ގިނަ ޕްރޮޖެކްޓުތަކެއް ހިންގުމަށް ނިންމައި، ޗައިނާއިން ނަގާފައިވާ ލޯނުގެ ގްރޭސް ޕީރިއަޑް އިތުރުކޮށް ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަޝްވަރާކުރި އެވެ.













