ދިއްދޫ ފެނަކަ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ދިއްދޫ ފެނަކަ ބްރާންޗްގެ 70 މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމާފައި ވާތީ އެރަށުގައި އަންނަނީ އިޖުތިޖާޖު ކުރަމުންނެވެ.
އެކަމާ ގުޅޭ ގޮތުން އެކްސްގައި މުއާޒު ކުރި ޕޯސްޓެއްގައި، ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމި މުވައްޒަފުން ކުރަމުން ދިޔަ، އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތުގެ ތަފްސީލް ހިއްސާ ކޮށްފައިވެ އެވެ.
70 މުވައްޒަފުން ކުރަމުން ދިޔަ މި މަސައްކަތަށް މުވައްޒަފުންގެ ހަރަދަށް 23 މިލިއަނަށް ވުރެ ގިނަ ރުުފިޔާ ހޭދަވެފައިވާ ކަމަށް މުއާޒް ލިޔުއްވާފައިވެ އެވެ. އަދި ޕެޓީ ކޭޝްގެ ގޮތުގައި ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަ ވެފައިވާ ކަމަށް ވިދާޅުވި އެވެ.
"މި ވަގުތު ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައި އޮތުމުން ކޮންޓްރެކްޓު މުވައްޒަފުންގެ ކޮންޓްރެކްޓު އާ ނުކުރުމަށް ވަނީ ނިންމާފައި،" މުއާޒް ވިދާޅުވި އެވެ.

އިހުތިޖާޖުގެ ބައިވެރިން ބޯޑު ތަކުގައި ލިޔެފައިވާ ޝުއޫރުތަކުގައި އެ މީހުންގެ ކޮންޓްރެކްޓް އާ ނުކުރުމުން 50 އެއްހާ އާއިލާއެއް މަގުމަތި ވާނެ ކަމަށް ލިޔެފައިވެ އެވެ. އަދި މި ސަރުކާރުގެ އެކި ނިންމުންތަކަށް ފާޑު ކިޔައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިސްތިއުފާއަށް ވެސް ގޮވާލާފައިވެ އެވެ.
މަގާމާ ހަވާލުވުމަށް ފަހު މުއާޒް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިން ކުރިއަށް ގެންދާ މަޝްރޫއުތަކަށް އެކަށީގެންވާ އަދަދަށް ވުރެ މާ ގިނައިން މުވައްޒަފުން ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކުންފުންޏަށް ލިބޭ އާމްދަނީގެ ބޮޑު ބައި މުވައްޒަފުންގެ މުސާރައަށް ހޭދަ ކުރަން ޖެހޭތީ، ކުންފުނި ސަލާމަތް ކުރެވެން އޮތީ މި ހަރަދުތައް ކުޑަކޮށްގެން ކަމަށް ވިދާޅުވެފައިވެ އެވެ.












