ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބްރޭންޑް ނަން، "އާބަންކޯ" ބޭނުންކުރުން ހުއްޓައިލަން އެކުންފުނިން ނިންމައިފި އެވެ.
އެޗްޑީސީ ރީބްރޭންޑްކޮށް "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ނުވަތަ އާބަންކޯ އަށް ބަދަލުކޮށް އެކަން އިއުލާންކުރީ 01 އޭޕްރީލް 2023 ގަ އެވެ. މިއީ އެޗްޑީސީ އަށް 22 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅުވައިގެން އެކުންފުނިން ގެނައި އަގު ބޮޑު ބަދަލެކެވެ.
ކުންފުނި ރީބްރޭންޑްކުރީ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އެޗްޑީސީން އޭރު ބުނިގޮތުގައި ކުންފުނި ރީބްރޭންޑްކުރީ ކުންފުނީގެ އެސެޓްތަކުގެ ތެރެއަށް ގުޅިފަޅާއި ތިލަފުށި ހިމެނުމުން ކުންފުނީގެ މަސައްކަތް ހައުސިންއަށް ވުރެ ފުޅާވުމުންނެވެ.
ކުންފުނި ރީބްރޭންޑްކުރި ނަމަވެސް ގާނޫނީ ގޮތުން އޭރުވެސް ކުންފުންޏަށް ކިޔަނީ އެޗްޑީސީ އެވެ. ނަމަވެސް ރީބްރޭންޑްކުރުމާއެކު އެޗްޑީސީގެ ދިދަ އާއި ޑިސްޕްލޭ ބެނާ އާއި ކުންފުނީގައި ބޭނުންކުރާ ގަލަމާއި، ނޯޓް ފޮތާއި ފެންބޯ މަގު ހެދުމަށާއި އާބަންކޯ ބްރޭންޑް އިތުރަށް އިޝްތިހާރު ކުރުމުގެ އިތުރުން މުވައްޒަފުންގެ ޔުނީފޯމް ތަކާއި އަދިވެސް ގުޅުންހުރި އިތުރު ކަންތައްތަކަށް އެޗްޑީސީން ބޮޑެތި ހަރަދުތައް ކުރި އެވެ. އެޗްޑީސީން އޭރު އަންދާޒާކުރި ގޮތުގައި އެ ހަރަދުތަކަށް 1.7 މިލިއަނެއްހާ ރުފިޔާ ހަރަދުވެ އެވެ.
ނަމަވެސް "އަދަދު" އަށް ކަށަވަރު ވެފައިވާގޮތުގައި އެޗްޑީސީގެ މި އަގުބޮޑު ބްރޭންޑް ނަން ބޭނުންކުރުން ހުއްޓާލަން މިހާރު ވަނީ ނިންމާފަ އެވެެ. އަދި އެކަން އަންނަ ބުރާސްފަތި ދުވަހު އިއުލާނުކުރަންވެސް ވަނީ ނިންމާފަ އެވެ. މިބަދަލާއެކު ކުންފުނީގެ އޮފިޝަލް އެއްވެސް ކަމެއްގައި އާބަންކޯގެ ނަން ބޭނުން ނުކުރާނެ އެވެ.

އެޗްޑީސީ އަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު އާބަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ކަމަށްވާ ހުޅުމާލެ ހިއްކައި ތަރައްގީކުރުމުގެ ކަންތައް ވިލަރެސްކޮށް ބެލެހެއްޓުމަށް ރައީސް އޮފީހުގެ ވަކި ޔުނިޓެއްގެ ގޮތުގައި 2001 ވަނަ އަހަރު އުފެއްދި ތަނެކެވެ. އޭގެ 2005 ވަނަ އަހަރު އެ ޔުނިޓު އުވާލައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް އުފެއްދި އެވެ.
ކުންފުނީގެ ނަން ހުޅުމާލޭ ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ ނަމުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމަށް ބަދަލު ކުރެއްވީ 2009 ވަނަ އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު އެވެ.
ހުޅުމާލޭގެ އިތުރުން ގްރޭޓާ މާލެ އޭރިއާގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅު، އަދި ކުޑަގިރި ޕިކްނިކް އައިލެންޑްވެސް ބަލަހައްޓަނީ އެކުންފުނިންނެވެ. މީގެ އިތުރުން މާލެ ކައިރީގައި ތަރައްގީކުރާ ސަފާރީ ބަނދަރު މަޝްރޫއާއި މިސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ފުށިދިއްގަރު ނުވަތަ ރަސްމާލެ މަޝްރޫއުވެސް ވިލަރެސްކޮށް ބަލަހައްޓަނީ އެޗްޑީސީންނެވެ.












