އާ ޓާމިނަލް ނުހުޅުވި އޮތީ ކުރިން އެކަމަށް އިސްކަން ނުދިނުމުން، އެއީ ބޮޑު އިސްރާފެއް: ޝަރީފް

Jan 15, 2024, 1:27 PM
އެއާޕޯޓުގެ އެމްޑީ ޝަރީފް: ވިދާޅުވީ ޓާމިނަލް ނުހުޅި އޮތުން ވެގެންދިޔައީ ބޮޑު އިސްރާފަކަށް ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެއާޕޯޓުގެ އެމްޑީ ޝަރީފް: ވިދާޅުވީ ޓާމިނަލް ނުހުޅި އޮތުން ވެގެންދިޔައީ ބޮޑު އިސްރާފަކަށް ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލްގެ މަސައްކަތް 2022 ވަނަ އަހަރު ނިމުނު ނަމަވެސް އެތަން ބޭނުންނުކޮށް އޮތީ ކުރިން އެކަމަށް އިސްކަން ނުދިނުމުން ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހުޅުވީ އަހަރަކު 120،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވޭ ޓާމިނަލެކެވެ. މިހާތަނަށް ބޭނުން ކުރަމުން އައީ 40 އަށް ވުރެ ގިނަ އަހަރުވެފައިވާ، އަހަރަކު އެންމެ 50،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވޭ ޓާމިނަލެކެވެ.

އާ ޓާމިނަލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ 2022 ވަނަ އަހަރު ޓާމިނަލްގެ މަސައްކަތް ނިންމައި 2023 ވަނަ އަހަރު އެ ތަން ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޓާމިނަލް ހުޅުވަން ސަރުކާރުން އިސްކަން ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިމާރާތް ޓެކްނިކަލީ 2022 ވަނަ އަހަރު ނިމުނު ކަމަށް ވިޔަސް ބޭނުން ކުރުމަށް އެހާ ބޮޑު އިސްކަމެއް ނުދެވި ގިނަ ދުވަސްވެ 2023 ވަނަ އަހަރާ ހަމައަށް ވަނީ ދިގުލައިގެން ގޮސްފައި. 2023 ވަނަ އަހަރު ވެސް ރަސްމީކޮށް ތަން ހަވާލު ކުރުމަށްފަހު ވެސް އޮޕަރޭޝަނަލް ނުކުރެވި ދުވަސްތަކެއް ދިޔަ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބާ ޓާމިނަލުގައި އޯވާކެޕޭސިޓީގައި އެއާޕޯޓުގެ މުވައްޒަފުން މަސައްކަތް ކުރަމުންދިޔައިރު ވެސް އާ ޓާމިނަލް ނުހުޅުވައި ދިޔުމަކީ ބޮޑު އިސްރާފެއް ކަމަށެވެ.

"މިފަދަ ފެސިލިޓީއެއް ގާއިމްކޮށް އެތަނުގެ ބޭނުން ނުހިފި ފާއިތުވާ ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންގެ ފައިސާތަކެއް އެއްވެސް ފައިދާއެއްނެތި ބޭކާރުވެގެންދާ ދުވަހެއް،" އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިގްތިސާދާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ކާގޯ ޓާމިނަލްގެ ކެޕޭސިޓީ މިހާރަށްވުރެ ވެސް އިތުރު ކުރުން ކަމަށެވެ.

"ރައީސްގެ ވިޝަންއަކީ މިހާރުން މިހާރަށް މަސައްކަތް ފައްޓަވައި 300،000 ޓަނަށް މި އަދަދު ބޮޑު ކުރުން. މިތަނަށް އެއާ ކާގޯ އަަންނާނެ މަގު ފަހި ކުރުމަކީ އަޅުގަނޑުމެން އެކުއެކީ ކުރަންޖެހޭ މަސައްކަތެއް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓާމިނަލްގެ ކެޕޭސިޓީ އިތުރު ކުރުމާއެކު ކާގޯ ރާއްޖެއަށް ގެންނަ މިންވަރު ވެސް އިތުރު ކުރަންޖެހޭ ކަމަށެވެ. އެކަމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ސަރަހައްދުގެ އެންމެ ބޮޑު ކާގޯ އިކޮނޮމިކް ޒޯނުން އަޅުގަނޑުމެންނަށް މިހާރު އެބަ އޮތް ކޮންމެވެސް ޒާތެއްގެ އެއްބަސްވުމެއް، އެބޭފުޅުން ކުރިއަށް ވަޑައިގަންނަވަން ބޭނުންވާ ގޮތުގެ މަގު ޗާޓެއް ފޮނުވާފައި. އެއީ މި ސަރަހައްދުގެ އެންމެ ބޮޑު ކާގޯ ޓާމިނަލްކަން އަޅުގަނޑު ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ މަސައްކަތަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2018 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރޭގައި އާ ކާގޯ ޓާމިނަލުގެ އިތުރުން އާ ރަންވޭގެ މަސައްކަތާއި ފިއުލްފާމްގެ މަސައްކަތް ވެސް ހިމެނެ އެވެ. އާ ރަންވޭ މިހާރު ވެސް ބޭނުންކުރަމުން ދާއިރު އާ ފިއުލް ފާމްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox